ސ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް މުހައްމަދު ހާޝިމްގެ މައްޗަށް ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑިޝަން ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފައިވަނީ، ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކެއްގެ ޚަޞްމަކާއި އިސްމެޖިސްޓްރޭޓް ހާޝިމް، ސ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްގެ ހައިސިއްޔަތުން ބައްދަލުކޮށްފައިވާކަން މި މައްސަލައިގެ ތަޙުޤީޤަށް ސާބިތުވެފައިވާކަމަށެވެ.
އެހެންކަމުން ސުލޫކީ ފިޔަވަޅެއްގެ ގޮތުން، ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އިސްމެޖިސްޓްރޭޓް ހާޝިމުއަށް އެންގުމަށް ނިންމާފައިވާކަމަށެވެ.
ފަނޑިޔާރު ހާޝިމް، މޭޔަރު ނިޒާރާއި ބައްދަލުކުރައްވާފައިވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އިރުމަތީ ފާރާތާއި ހުޅަނގު ފަރާތުން ދޫކޮށްފައިވާ ބިންތައް އެ ސަރަހައްދުން ނެގުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމި ނިންމުން ބާތިލުކޮށްދިނުމަށް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނިކޮށެވެ.
މި މައްސަލަ ޖޭއެސްސީ އަށް ހުށަހެޅީ ގޯތީގެ މައްސަލަ ކޯޓަށް ވެއްދި ފަރާތްތަކުގެ ތެރެއިން ފަރާތެކެވެ. އެގޮތުން އެ ފަރާތުން ޖޭއެސްސީ އަށް ފޮނުވި ސިޓީގައި ވަނީ މޭޔަރު ނިޒާރާއި ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން، ކޯޓުގެ އިސް ފަނޑިޔާރު އަލީ ހާޝިމް އާއި ބައްދަލުކުރެއްވި ކަމަށެވެ.