Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ޕީޖީ އޮފީސް ގަޑިޖެހުމުން ޖުރިމަނާ ކޮށްފި

މި މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުން--

ސުޕްރީމް ކޯޓުގައި މިއަދު ތާވަލުކޮށްފައި އޮތް ޝަރީއަތުގެ މަޖިލީހަކަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ގަޑިޖެހުމުން، އެ އޮފީސް ޖުރިމަނާ ކޮށްފިއެވެ.

ޕީޖީ އޮފީހުން ގަޑިޖެހުނީ 2010 ވަނަ އަހަރު މަރުވެފައި އޮއްވައި ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި އޭނާގެ ލޯބިވެރިޔާ މުހައްމަދު ނަޖާހު 12 އަހަރަށް ޖަލަށްލުމަށް ހުކުމްކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުމަށެވެ.

އެ އަޑުއެހުން ފައްޓަވަމުން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗްގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ޕީޖީ އޮފީހުން ގަޑިޖެހުނުކަން ފާހަގަކުރައްވާފައެވެ. ފަނޑިޔާރު ސުއޫދު ވިދާޅުވީ ޗިޓެއް އަދި އަމުރެއްގައި ވަކި ގަޑިއެއް ކަނޑައަޅާފައިވާ ނަމަ އެއަށް ތަބާވާންޖެހޭނެ ކަމަށާއި އެއީ ވެސް ކޯޓުގެ އަމުރެއް ކަމަށެވެ. އަދި ކޯޓު އަމުރު ތަކަށް އިހުތިރާމް ކުރަންޖެހޭނެކަމަށެވެ.

"ވަގުތަކީ ރަނަށް ވުރެ ވެސް އަގު ބޮޑު އެއްޗެއް. އެހެންވެ ގަޑިއަށް ސަމާލުކަން ދެއްވުން އެދެން." ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމަށް ޕީޖީ އޮފީސް ގަޑިޖެހުމުން ސުޕްރީމް ކޯޓުން ވަނީ، 250 ރުފިޔާ އިން ޕީޖީ އޮފީސް ޖުރިމަނާ ކޮށްފައެވެ. އަދި އެފައިސާ ހަތް ދުވަހުގެ ތެރޭގައި ދެއްކުމަށާއި އެ ފައިސާ ނުދައްކާ ދެން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ޝަރީއަތުގެ މަޖިލީހުގައި ބައިވެރިއެއް ނުވެވޭނެ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ޝީރީން މަރުގެ މައްސަލައިގެ އަޑުއެހުން މިއަދު ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މިއަދުގެ އަޑުއެހުމުގައި ދެ ފަރާތުން ވަނީ ހުލާސާ ބަޔާން އިއްވާފައެވެ.

މިމައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވާ ފަނޑިޔާރުންގެ ބެންޗްގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ޑރ، މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.