މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް) އާއި ކްރިކެޓް އެސޯސިއޭޝަނާ ގުޅިގެން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް ހާއްސަ ކޮށްގެން ބާއްވާ ކްރިކެޓް މުބާރާތުގެ ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖެހިއްޖެއެވެ
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ 20 ޓީމަކަށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.
ޓީމުތައް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މާދަމާ މެންދުރު 12:00އާ ހަމައަށް ހުޅުވާލާފައިވެއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26ވަނަ ދުވަހު އެކުވެނީގައެވެ.
މި މުބާރާތަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ އަގުވަޒަންކޮށް، އެމީހުންގެ ބުރަ މަސައްކަތާއި އަދާކުރާ ދައުރު ފާހަގަކޮށް، އެމީހުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ. މި ހަރަކާތުގައި ދަނޑުގެ ވަށައިގެން ސްޓޯލްތައް ހުންނާނެ ކަމަށާއި އެގޮތުން ހިލޭ ހެލްތު ސްކްރީނިން ހެދުމާއި ބިދޭސީ މަސައްކަތްތެރިންނަށް މޯބައިލް ފޯނު ރަޖިސްޓްރީ ކުރުން ފަދަ ތަފާތު ހިދުމަތްތައް ލިބޭ ސްޓޯލްތައް ހުންނާނެ ކަމަށް މައުލޫމާތު ދީފައިވެއެވެ.