Last Updated: April 24, 23:11
Wednesday, April 24, 2024
ކުޅިވަރު

ގޯލްޑެން ބޯއި އެވޯޑު ޕެޑްރީ އަށް

ޔޫރަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ (ގޯލްޑަން ބޯއީ) އެވޯޑު ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ ޒުވާން މިޑްފީލްޑަރު ޕެޑްރީ އަށް ލިބިއްޖެ އެވެ.

އިޓަލީގެ މަޝްހޫރު ނޫހެއް ކަމަށްވާ "ޓޫޓޯ ސްޕޯޓްސް" އިން ދޭ މި އެވޯޑަކީ ޔޫރަޕުގެ އެންމެ މަތީ ފަންތީގައި ކުޅޭ 21 އަހަރުން ދަށުގެ ކުޅުންތެރިންގެ މެދުގައި ކޮންމެ އަހަރަކުވެސް ހޮވާ އެވޯޑެކެވެ. މި އެވޯޑް އެންމެ ފަހުން ހޯދީ ބްރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް ހާލަންޑް އެވެ.

އުމުރުން 18 އަހަރުގެ ޕެޑްރީއާ އެންމެ ގާތުން މި އެވޯޑަށް ވާދަކުރީ ޑޯޓްމަންޑަށް ކުޅެމުން އަންނަ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންގްހަމް އެވެ.

މިދިޔަ ސީޒަނުގައި ބާސާ އަށް އެންމެ ގިނަ މެޗު ކުޅެދިން ޕެޑްރީ ވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއާގެ މަގާމު ހޯދާފަ އެވެ. އަދި އޭނާ ވަނީ ސްޕެއިނާއެކު އޮލިމްޕިކްސްގެ ރިހި މެޑަލް ވެސް ހޯދާފަ އެވެ.

މިދިޔަ މަހުގެ ތެރޭގައި ބާސާގެ ކޮންޓްރެކްޓް ޕެޑްރީ އާކޮށްފައިވާއިރު އަނިޔާގެ ސަބަބުން މިވަގުތު އޭނާ ހުރީ ކުޅުމާ ދުރުގަ އެވެ.

2003 ވަނަ އަހަރުން ފެށިގެން ދޭން ފެށި ގޯލްޑެން ބޯއި އެވޯޑު މީގެކުރިން ވަނީ ލިއޮނަލް މެސީ އާއި ކިލިއަން އެމްބާޕޭ އާއި ވޭން ރޫނީ އާއި ސާޖިއޯ އަގުއެރޯ އާއި ރަހީމް ސްޓާލިން މެންފަދަ ކުޅުންތެރިން ވެސް ހޯދާފަ އެވެ.