ރ.ވާދޫގައި މީދާ ހިފުމުގެ މުބާރާތެއް ބޭއްވުމަށް ނިންމުމާ ގުޅިގެން އެ ރަށުގެ ބައެއް ޒުވާނުން ނުރުހުން ފާޅުކޮށްފިއެވެ.
ވާދޫގެ ބައެއް ޒުވާނުން އެމީހުގެ ޝުއޫރުތައް ވާދޫ ކައުންސިލް ކައިރީގައި ފާޅުކޮށްފައިވާއިރު، އެމީހުންގެ ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ފުޓްސަލް މުބާރާތެއް ނުބާއްވާ މީދާ ހިފުމުގެ މުބާރާތެއް ބޭއްވުމަށް ކައުންސިލުން ނިންމުމުންނެވެ.
ވާދޫ ކައުންސިލުން މީދާ ހިފުމުގެ މުބާރާތެއް ބޭއްވުމަށް ނިންމާފައިވަނީ، މީދަލުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުމާއި، ވާދަވެރިކަމުގެ ރޫހާއެކު ރަށުން މީދާ މަދުކުރުމުގެ މަގުސަދުގައި ކަމަށެވެ.
މިމުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ 18:00 އިން ފެށިގެން އަންނަ މަހުގެ ފަސްވަނަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.
މިމުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 3000 ރުފިޔާ، ދެވަނައަށް ހޮވޭ ފަރާތަކަށް 2000 ރުފިޔާ އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް 1000 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ.