Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

ސަލްމާން މިސްކިތަށް ދިވެހި ސަރުކާރުން ކުރި ހޭދަ ސައުދީން ދޭނެ: އަސްލަމް

ސަލްމާން މިސްކިތް-- ފޮޓޯ: އަވަސް އޮންލައިން

ސައުދީ ސަރުކާރުގެ އެހީގައި މާލޭގައި ބިނާކޮށްފައި ހުރި ކިންގް ސަލްމާން މިސްކިތަށް މިހާތަނަށް ކޮށްފައިވާ ހަރަދުގެ ބޮޑު ބަޔަކީ ދިވެހި ސަރުކާރުން ކޮށްފައިވާ ހޭދަ ކަމަށާއި، އެފައިސާ ސައުދީން އަނބުރާ ދޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވަނީ ސަލްމާން މިސްކިތް ހެދުމަށް ކުރި ހޭދައިގެ ބޮޑުބަޔަކީ ދިވެހި ސަރުކާރުން ކުރި ހަރަދެއްތޯ ސުވާލު ކޮށްފައެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، އެ މަސައްކަތަކީ ސައުދީ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ. މިހާތަނަށް އެ މަސައްކަތަށް ކުރި ބޮޑު ހޭދައެއް ދިވެހި ސަރުކާރުން ކުރިކަމަށް ވިދާޅުވި ނަމަވެސް އޭގެ ތަފްސީލެއް މިނިސްޓަރު އަސްލަމް ދެއްވާފައެއް ނުވެއެވެ. އެހެންނަމަވެސް އެ ފައިސާއަކީ ސައުދީ ސަރުކާރުން އަނބުރާ ދޭނެ ފައިސާކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑަށް ހަމަ ޔަގީން ސައުދީ ސަރުކާރުގެ ނިޔަތް އެބައޮތްކަން [އެފައިސާ އަނބުރާ ދިނުމުގެ]، އަދި އެ ލާރި ރީއެމްބާސް ކޮށްދެއްވާނެކަން. އެ ވާހަކަތައް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ސައުދީ ސަރުކާރާއެކު އެބަ ވާހަަކަ ދައްކަމުންދޭ. ސައުދީ ސަރުކާރުން އެހަރަދު ކުރައްވާނެކަން އަޅުގަނޑަށް ޔަގީން." މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

ކިންގް ސަލްމާން މިސްކިތަކީ ރައީސް ޔާމީނުގެ ވެރިކަމުގައި ސައުދި އަރަބިޔާގެ ފަރާތުން ހިލޭ އަޅާދީފައިވާ މިސްކިތެކެވެ. މި މިސްކިތުގައި އެއްފަހަރާ 6000 މީހުންނަށް ނަމާދުކުރެވޭނެ ޖާގަ ހުރެއެވެ.

ގާތްގަނޑަކަށް 370 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ ފަސްބުރީގެ ސަލްމާން މިސްކިތް ނުހުޅުވި ލަސްވާތީ އެކަމުގައި އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރެއެވެ.