މަރުކަޒީ ބޭންކުން ފައިސާ އިތުރަށް ޗާޕް ކުރުމުގެ ހުއްދައިގެ މުއްދަތު އެއް އަހަރަށް އިތުރުކުރަން ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ މައްސަލައިގެ ކޮމިޓީ ރިޕޯޓް އޮތްގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މިނިވަންކަމަށް އަރައިގަނެވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހަށް ކުރެވޭނެ ކަމަކީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ހިމެނޭ އޯވަޑްރޯގެ މާއްދާތައް އިސްތިސްނާ ކުރުމާއި ކުރެވޭ މުއްދަތު ކަނޑައެޅުން ކަމަށެވެ. ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ ރިޕޯޓުގައި އެކަން ހިންގާނެ ގޮތް ވެސް ބަޔާންކޮށްފައިވާތީއެވެ.
"މިތަފްސީލަކީ މަރުކަޒީ ބޭންކްގެ އިންޑިޕެންޑެންސަށް، މިނިވަންކަމަށް އަރައިގަނެވޭ ތަފްސީލެއްގެ ގޮތުގައި ފާހަގަކުރެވޭނެ. ހާއްސަގޮތެއްގަ ބައިނަލްއަގްވާމީ މާލީ އިދާރާތަކަށް އެބާވަތުގެ ކަންކަން ފާހަގަކުރެވޭނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުން އިސްތިސްނާ ދިނުމުން އެކަން ހިނގާނެ ގޮތް ނިންމާނީ އެމްއެމްއޭއިން ކަމަށާއި، ކޮމިޓީ ރިޕޯޓް މިހާރު އޮތްގޮތުން އެމްއެމްއޭގެ މިނިވަންކަމަށް އަރައިގަނެވޭކަމަށް ބައިނަލްއަގްވާމީ މާލީ އިދާރާތަކަށް ދެކެވޭނެ ކަމަށެވެ.
އޯޑީގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާ ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު މަޖިލީހަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ ވެކްސިނާއެކު ކޮވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އުންމީދީ ނިޝާންތަކެއް ފެނި، ބޯޑަރުހުޅުވާލުމާއެކު ރާއްޖޭގެ ފަތުރުވެރިކަމާއި އިގުތިސާދީ ދުވެލި ބާރުވަމުން ދިޔަނަމަވެސް، މިހާތަނަށްވެސް ދުނިޔެއަށް މި ބަލިމަޑުކަމުން ފުރިހަމައަށް އަރައިގަނެވިފައި ނުވާކަމަށެވެ. އަދި އިގުތިސާދީ ހިރާސްތައް އަދިވެސް މަތިކޮށް ހުރުމާއި، ކުރު މުއްދަތެއްގެ ތެރޭގައި ޕަބްލިކް ބޭންކް އެކައުންޓް ގެ އޯވަރޑްރޯ ކުރި އަދަދު އަނބުރާ ދެއްކުމަކީ ދައުލަތުގެ ކޭޝް ފްލޯ މެނޭޖް ކުރުމުގަޔާއި ދައުލަތުގެ ބަޖެޓު ތަންފީޒުކުރުމުގައި ދަތިތަކާ ކުރިމަތިވެދާނެ ކަމެއްކަމަށްވެސް ފިނޭންސް މިނިސްޓަރު އަމީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ވިދާޅުވީ، ފައިނޭންސިންގ ހޯދުމަށް ހުރަސްތަކެއް ހުރުމާއެކު، 2022 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެންވެސް ޕަބްލިކް ބޭންކް އެކައުންޓް އޯވަރޑްރޯ ނުކޮށް ކުރިއަށް ދިއުމަކީ އިޤްތިސާދަށާއި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށްވެސް އެކަމުގެ ނުރަނގަޅު އަސަރުކުރާނެ ކަމެކެވެ.
އެހެންކަމުން ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ)، އަދި (ބ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުން އިސްތިސްނާކުރުމަށް ދީފައިވާ ހުއްދަ، 26 އޭޕްރީލް 2022 އިން ފެށިގެން އިތުރު 1 އަހަރު ދުވަހުގެ މުއްދަތަށް އިތުރުކޮށްދެއްވުމަށް އެދޭކަމަށެވެ.