Last Updated: July 13, 11:58
Sunday, July 13, 2025
ޚަބަރު

ބީއެމްއެލްގެ އޭޓީއެމް ސެންޓަރެއް ދަނގެތީގައި ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އދ. ދަނގެތީގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރެއް ހުޅުވައިފިއެެވެ.

މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ބިއެމްއެލްއިން މައުލޫމާތުދެއެވެ.

"ދަނގެތީގައި މި ބެހެއްޓުނު އޭޓީއެމް އާއެކު ސެލްފް ސަރވިސް ބޭންކިންގެ ހިދުމަތް ފުޅާކުރެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. ބޭންކުން މިހާރުވެސް އދ. އަތޮޅުގެ ހަތަރު ރަށެއްގައި، ދަނގެތި، ދިގުރަށް، މަހިބަދޫ އަދި މާމިގިލީގައި އޭޓީއެމް ސެންޓަރ މެދުވެރިކޮށް ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް މިދަނީ ފޯރުކޮށްދެމުން." ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 74 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 135 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން ތިބޭނެ ކަމަށް ބިއެމްއެލްއިން މައުލުމާތުދެއެވެ. އަދި އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން މައުލޫމާތުދެއެވެ.