މަރުކަޒީ ބޭންކުން ފައިސާ އިތުރަށް ޗާޕް ކުރުމުގެ ހުއްދައިގެ މުއްދަތު އެއް އަހަރަށް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އޯވަޑްރޯ ކުރުމުގެ މައްސަލަ މަޖިލީހުން ފާސްކޮށްފައިވަނީ 42 މެމްބަރުންގެ ވޯޓުންނެވެ. އެކަމާ ދެކޮޅަށް ދެ މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.
ކޮވިޑް-19 އާ ގުޅިގެން، ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުގެ 36 ވަނަ މާއްދާ އިން ރައްޔިތުންގެ މަޖިލީހަށް ލިބޭ ބާރުގެ ދަށުން އެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) އަށް އަމަލު ކުރުން މިދިޔަ އަހަރުން ފެށިގެން އޮތީ އިސްތިސްނާ ކޮށްފައެވެ.
އޯޑީގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާ ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު މަޖިލީހަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ ވެކްސިނާއެކު ކޮވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އުންމީދީ ނިޝާންތަކެއް ފެނި، ބޯޑަރުހުޅުވާލުމާއެކު ރާއްޖޭގެ ފަތުރުވެރިކަމާއި އިގުތިސާދީ ދުވެލި ބާރުވަމުން ދިޔަނަމަވެސް، މިހާތަނަށްވެސް ދުނިޔެއަށް މި ބަލިމަޑުކަމުން ފުރިހަމައަށް އަރައިގަނެވިފައި ނުވާކަމަށެވެ. އަދި އިގުތިސާދީ ހިރާސްތައް އަދިވެސް މަތިކޮށް ހުރުމާއި، ކުރު މުއްދަތެއްގެ ތެރޭގައި ޕަބްލިކް ބޭންކް އެކައުންޓް ގެ އޯވަރޑްރޯ ކުރި އަދަދު އަނބުރާ ދެއްކުމަކީ ދައުލަތުގެ ކޭޝް ފްލޯ މެނޭޖް ކުރުމުގަޔާއި ދައުލަތުގެ ބަޖެޓު ތަންފީޒުކުރުމުގައި ދަތިތަކާ ކުރިމަތިވެދާނެ ކަމެއްކަމަށްވެސް ފިނޭންސް މިނިސްޓަރު އަމީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ވިދާޅުވީ، ފައިނޭންސިންގ ހޯދުމަށް ހުރަސްތަކެއް ހުރުމާއެކު، 2022 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެންވެސް ޕަބްލިކް ބޭންކް އެކައުންޓް އޯވަރޑްރޯ ނުކޮށް ކުރިއަށް ދިއުމަކީ އިޤްތިސާދަށާއި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށްވެސް އެކަމުގެ ނުރަނގަޅު އަސަރުކުރާނެ ކަމެކެވެ.
އެހެންކަމުން ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ)، އަދި (ބ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުން އިސްތިސްނާކުރުމަށް ދީފައިވާ ހުއްދަ، 26 އޭޕްރީލް 2022 އިން ފެށިގެން އިތުރު 1 އަހަރު ދުވަހުގެ މުއްދަތަށް އިތުރުކޮށްދެއްވުމަށް އެދޭކަމަށެވެ.