Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

އޮޓޮމޭޓެޑް އައިޑެންޓިފިކޭޝަން ސިސްޓަމެއް ކަސްޓަމުން ގާއިމްކޮށްފި

ކަސްޓަމްސް އޮފިސަރުންތަކެއް އުޅަނދެއް ޗެކް ކުރަނީ. ފޮޓޯ/ ހިތަދޫ ކަސްޓަމްސް

ރާއްޖޭން ފުރާ އަދި އަންނަ ކަނޑު އުޅަނދުފަހަރުގެ މޮނިޓަރިން ހަރުދަނާ ކުރުމަށްޓަކައި އޮޓޮމޭޓެޑް އައިޑެންޓިފިކޭޝަން ސިސްޓަމެއް މޯލްޑިވްސް ކަސްޓަމްސް ސާވިސްގައި ގާއިމްކޮށްފި އެވެ.

ކަސްޓަމްސް އިން މިއަދު ގާއިމު ކުރި ސިސްޓަމާ ބެހޭ ގޮތުން ބުނީ އެ ސިސްޓަމްގެ ސަބަބުން އުޅަނދުގެ ހަރަކާތްތަކާއި ސްޕީޑާއި ޕޮޒިޝަން ބޭނުންކޮށްގެން ކަސްޓަމްސްގެ ކޮންޓްރޯލް ދަށުގައިވާ އުޅަނދުފަހަރުގެ ހަރަކާތްތައް މިހާރަށްވުރެ ހަރުދަނާގޮތެއްގައި މޮނިޓަރކޮށް ބެލެހެއްޓޭނެ ކަމަށެވެ. އަލަށް ޤާއިމް ކުރެވުނު ސިސްޓަމުން މާލޭ އޭރިއާ މޮނިޓަ ކުރެވޭނެ ކަމަށް ވެސް ކަސްޓަމުން ބުންޏެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި ޤާއިމްކުރެވިފައިވާ ކަސްޓަމްސްގެ އޮފީސްތަކަށް ވެސް މުސްތަޤްބަލުގައި މި ސިސްޓަމް ފުޅާކުރާނެ ކަމަށް ކަސްޓަމުން ބުންޏެވެ.

މުޅި ރާއްޖޭގެ ސަރަހައްދުގައި ހަރަކާތްތެރިވާ ކަނޑުގެ އުޅަނދު ފަހަރުގެ މަޢުލޫމާތު މިހާރަށް ވުރެ ރަނގަޅަށް ކަސްޓަމަށް އެނގި ބެލެހެއްޓެމުން ދާނެ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.