ސްކޫލްތަކަށް ޕްރިންސިޕަލުން ނުލިބުމުގެ އެއް ސަބަބަކީ ޕްރިންސިޕަލުންގެ މުސާރަ ކުޑަވުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ޕްރިންސިޕަލުން ލިބުމުގައި ގިނަ ދަތިތަކެއް ހުރިކަމަށާއި، އެގޮތުން ޝަރުތު ހަމަވާ ފަރާތްތަކުން ކުރިމަތިނުލުމަކީ ދިމާވާ އެއް މައްސަލަ ކަމަށެވެ.
ޕްރިންސިޕަލުން ނުލިބުމުގެ އަނެއް ސަބަބެއްގެ ގޮތުން މިނިސްޓަރު ފާހަގަކުރެއްވީ ޕްރިންސިޕަލުންގެ މުސާރަ ކުޑަވުމެވެ.
"އަޅުގަނޑުމެންނަށްވެސް ފާހަގަކުރެވިފަ އޮތްކަމެއް މިއީ، ސުކޫލުތައް ހިންގަން ރަނގަޅު ގާބިލު ބޭފުޅުން މި ދުވަސްވަރު ނުލިބޭކަން. ދެން އޭގެ އެއް މައްސަލަ އެއީ ޕްރިންސިޕަލުންގެ މުސާރަ ކުޑަވުން. އަޅުގަނޑަށް މިތަނުންވެސް ވަރަށް އެބަފެނޭ ހެޑްމާސްޓަރ ކޯސް ނުވަތަ ޕްރިންސިޕަލް ކޯސް ހައްދަވާފަ ތިއްބެވި ބޭފުޅުން މަޖިލީހުގަ ތިއްބަވާކަން، ކައުންސިލްތަކަށް ކުރިމަތި ލައްވާ. އެހެންވީމަ ސްކޫލްތަކުން އަޅުގަނޑުމެންނަށް މިފަދަ ބޭފުޅުން ގެއްލުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮވޭ." މިނިސްޓަރު އައިޝަތު އަލީ ވިދާޅުވިއެވެ.
މިމައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އަމިއްލަ ރަށް ނޫން އެހެން ރަށްރަށުގެ ޕްރިންސިޕަލް ކަން ކުރައްވާ ބޭފުޅުންނަށް އެލަވަންސް ދެމުން އަންނަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ވިދާޅުވީ ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ރާއްޖެއިން ބޭރަށް އެންމެފަހުންވެސް ފޮނުވާފައި އޮތީ 2011 ވަނަ އަހަރު ކަމަށެވެ. އަދި މިސަރުކާރުން، ޕްރިންސިޕަލުންގެ ގޮތުގައި ތަމްރީންވުމަށް ބޭނުންވާ ފަރާތްތަކަށް މެލޭޝިއާއިން ތައުލީމް ހާސިލު ކުރުމުގެ ފުރުސަތު ހޯދިފައިވާކަން ފާހަގަކުރެއްވިއެވެ.