Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

އަރަބިއްޔާ އިމާރާތުން ދަރިވަރުންނަށް އަދި ނުރައްކަލެއް ނެތް: މިނިސްޓަރު

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަރަބިއްޔާ ސްކޫލްގެ އިމްރާތުން ދަރިވަރުންނަށް އަދި ނުރައްކަލެއް ނެތްކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އަރަބިއްޔާ ސްކޫލްގެ ހާލަތާއި މެދު ސަރުކާރުންވެސް އަދި މިނިސްޓްރީންވެސް ކަންބޮޑުވާކަމަށެވެ.

އަރަބިއްޔާ ސްކޫލް ހުޅުވިފައިވަނީ 2013 ޖެނުއަރީގައިކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ އެ އިމާރާތަށްއަދި އެހާ ދުވަސް ނުވާކަމަށާއި، އެއިމާރާތުގައި ބޮޑެތި ރެނދުތަކެއް ހުރިކަން ފާހަގަކުރެވިފައިވަނީ ޑިސެމްބަރު 2020 ގައި ކަމަށެވެ. އަދި އެކަމާ ގުޅިގެން ވިޝުއަލް އިންސްޕެކްޝަނެއް ހަދާފައިވާކަމަށާއި، އެހެންނަމަވެސް ވިޝުއަލް އިންސްޕެކްޝަނަކުން ހާލަތު ދެނެނުގަނެވޭނެތީ ސްޓްރަކްޗަރަލް އެސެސްމެންޓެއް ހެދުމަށް ލަފާދީފައިވާކަމަށެވެ. އެހެންކަމުން އެ މަސައްކަތަށް ބަޔަކު ހޯދި މިހާރު އެ އެސެސްމެންޓްގެ މަސައްކަތް ފަށާފައިވާކަމަށް ވިދާޅުވިއެވެ.

"އެ ރިޕޯޓުގައި ފާހަގަކުރާގޮތުގައި އަދިއެއް ދަރިވަރުންނަކަށް ގެއްލުމެއް ނެތް. އަޅުގަނޑުމެން ވަރަށް ކްލޯޒްލީ މޮނީޓާ ކުރަމުން މިދަނީ، ކިރިޔާވެސް ދަރިވަރުންނަށް ނުރައްކާވާކަން އަޅުގަނޑުމެންނަށް އެނގޭ ހާލަތުގައި އަޅުގަނޑުމެން އެތަނުން ކުދިން ނެރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ." މިނިސްޓަރު ވިދާޅުވިއެވެ.

އަރަބިއްޔާ ސްކޫލްގެ އިމާރާތަށް ބޭނުންވާ މަރާމާތު އިނގޭނީ ސްޓްރަކްޗަރަލް އެސެސްމެންޓަށް ފަހުކަން ފާހަގަކޮށް މިނިސްޓަރު ވަނީ އެ އެސެސްމެންޓް ނިމުމަށް ދެ މަހެއްވަރު ނަގާނެކަން ފާހަގަކޮށްފައެވެ.

މިހާރު ޕްލޭން ކޮށްފައި އޮތީ މިއަންނަ ސްކޫލު ބަންދަށް އެމަރާމާތުތައް ކުރެވޭނެ ސްޕީޑުގައި ސްޓްރަކްޗަރަލް އެސެސްމަންޓު ހެދުން ކަމަށާއި، ސްޓްރަކްޗަރަލް އެސެސްމަންޓުގެ ބައެއް ކަންކަން ރާއްޖެއިން ބޭރަށް ފޮނުވައިގެން ވެސް ބަލަންޖެހޭ ކަމަށެވެ.