ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވެންސް އިތުރުކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފިއެވެ.
އޮންލައިންކޮށް ސޮއިކުރުން ކުރިއަށްގެންދާ މި ޕެޓިޝަނަކީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް ހުށަހެޅުމަށް ހަމަޖެހިފައިވާ ޕެޓިޝަނެކެވެ. މި ޕެޓިޝަންގައި އެދިފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެމުންއަންނަ އިނާޔަތް 5000 ރުފިޔާއަށް ބޮޑު ކޮށްދިނުމަށެވެ.
މި ޕެޓިޝަންގައި ބުނެފަިއވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުތައް ރައްކާތެރިކުރުމާއި މާލީ އިނާއަތް ފޯރުކޮށްދިނުމަށް ހެދިފައިވާ ގާނޫނުގެ 26 ވަނަ މާއްދާއިން ލިބިދޭ -/2000 ރުފިޔާގެ ފައިސާގެ އިނާޔަތަކީ، މިހާރު ދިވެހިރާއްޖޭގެ ޚިދުމަތާއި ތަކެތީގެ އަގު ހުރިގޮތައް ބަލާއިރު އެކަށީގެންވާ މިންވަރެއް ކަމުގައި ނުދެކޭކަމަށެވެ.
"އާންމު ދިރިއުޅުމުގެ މިންގަނޑުން ބަލާއިރުވެސް، ކެއިން ބުއިމާއި އުނުއޮރިޔާން ނިވާ ކުރުން ފަދަ ޒަރޫރީ ބޭނުންތައްވެސް މިހާރު ކަނޑައަޅާފައިވާ މާލީ އިނާޔަތުން ނުފުދެއެވެ. މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ބައެއް ފަރާތްތަކަކީ ޒަވާޖީ ޙަޔާތެއްފެށި، ދިރިއުޅުމުގެ އެތަކެއް ޚަރަދުތަކާއި އާއިލީ އެތަކެއް ޒިންމާތަކެއް އުފުލަން ޖެހިފައިވާ ފަރާތްތަކެކެވެ. އަނެއްބައި ފަރާތްތަކަކީ ދިރިއުޅުމެއް ފަށަން ބޭނުންވާ، ނަމަވެސް ވަޒީފާގެ ފުރުސަތު ހަނިކަމުން އާމްދަނީއެއް ލިބޭނެ އިތުރު މަގުތަކެއް ފަހިވެފައި ނެތުމުގެ ސަބަބުން، ދިރިއުޅުމެއް ފެށިފައި ނުވާ މީހުންނެވެ." ޕެޓިޝަންގައި ފާހަގަކޮށްފައިވެއެވެ.
ޕެޓިޝަންގައި ބުނެފައިވަނީ މިކަމުގެ ސަބަބުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ، ދިރިއުޅުމުގެ މުހުތާދުތައް ނުފުދި މުޖުތަމައުން އެކަހެރިވެ ނިކަމެތި ވެފައިވާ ފަރާތްތަކެއްކަމަށެވެ. އަދި މިފަރާތްތަކަށް ގާނޫނުން ލިބިދޭންޖެހޭ އެތަކެއް ހައްގުތަކާއި ހަމަހަމަ ފުރުސަތުތަކުން މަހްރޫމްވެފައިވާކަމަށެވެ.
އެހެންކަމުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރި ކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހެދިފައިވާ ގާނޫނީ މަޤުސަދު ހާސިލްކުރުމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް އަބުރުވެރި ތާހިރު ދިރިއުޅުމެއް ހޯދައިދިނުމަށާއި އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދެމުން ދާ ފައިސާގެ އިނާޔަތް އިތުރުކުރާނެ ކަމަށް މިސަރުކާރުން ވެފައިވާ ވައުދު ފުއްދުމަށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބިދޭ ފައިސާގެ އިނާޔަތް މަދުވެގެން -/5000 ރުފިޔާއަށް އިތުރުކޮށްދިނުމަށް އެދޭކަމަށެވެ.