Last Updated: June 22, 13:45
Monday, June 22, 2026
ޚަބަރު

ފެމިލީ ކޯޓަށް ދެ ގާޒީން އައްޔަނު ކުރަން ނިންމައިފި

ފެމިލީ ކޯޓު ---

ފެމިލީ ކޯޓަށް ދެ ގާޒީން އައްޔަނު ކުރުމަށް ނިންމައިފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފައިވަނީ އެ މަގާމަށް ކުރިމަތިި ފަރާތްތަކުގެ ތެރެއިން އެންމެ ގާބިލުކަމަށް ފަނޑިޔާރުން ޢައްޔަންކުރާ ކޮމިޓީން ލަފާއަރުވާފައިވަނީ ނަޝީދީހިޔާ، އއ. ފެރިދޫ، އަލްއުސްތާޛާ ޒަޢީމާ ނަޝީދު އަބޫބަކުރު އަދި މ.ވިލުފުށީގެ، ކ.މާލެ އަލްއުސްތާޛާ މަޢީޝާ ޔޫސުފް ސަމީރު ކަމަށެވެ.

އެހެންކަމުން މި ދެބޭފޅުން މަގާމުގެ ހުވާ ކުރެއްވުން ނޮވެމްބަރު 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

އަލްއުސްތާޛާ ޒަޢީމާ ނަޝީދު ވަނީ ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާއިން ޝަރީޢަތާއި ގާނޫނުން ބެޗްލަރ ޑިގްރީ ޙާޞިލްކުރައްވައި، ވިލާ ކޮލެޖްއިން މާސްޓަރ އޮފް ޝަރީޢާ ޙާޞިލްކުރައްވާފައެވެ. މީގެ އިތުރުން، އަލްއުސްތާޛާ ޒަޢީމާ ނަޝީދު ވަނީ ޖުވެނައިލް ކޯޓުގެ ރެޖިސްޓްރާރުގެ މަޤާމުގައި 9 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ.

އަލްއުސްތާޛާ މަޢީޝާ ޔޫސުފް ސަމީރު ވަނީ ޔުނިވަރސިޓީ އޮފް ލަންޑަންއިން ބެޗެލާރސް އޮފް ލޯސް ޙާޞިލްކުރައްވާފައެވެ. އަލްއުސްތާޛާ މަޢީޝާ ޔޫސުފް ސަމީރު ވަނީ ޕްރޮސެކިއުޓާރ ޖެނެރަލް އޮފީހުގެ ޕްރޮސިކުޓަރެއްގެ މަޤާމުގައި 3 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމުގެ އިތުރުން އެޓޯލްސް ސެކްޝަންގެ ޔުނިޓް ހެޑް އަދި ފެމިލީ އެންޑް ޗައިލްޑްސް ޔުނިޓުގެ ޔުނިޓު ހެޑްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވެއެވެ.