އައްޑޫގައި ފުރަތަމަ ފަހަރަށް ސައިކަލް ރޭހެއް ބާއްވައިފި އެވެ.
އައްޑޫ ރޭސިން އެސޯސިއޭޝަނުން އިންތިޒާމް ކުރި މި ރޭސް ކުރިއަށް ގެންގޮސްފައި ވަނީ އިއްޔެ ހަވީރު ހިތަދޫ ކޮންވެންޝަން ސެންޓަރު (އީސީސީ) ސަރަހައްދުގަ އެވެ.
އައްޑޫ ރޭސިން އެސޯސިއޭޝަންގެ ރައީސް އައްޝަމް ޝަރީފް ބުނީ މި ހަރަކާތަކީ ފަށައި ގަތުމެއް ކަމަށާއި، މިކަމުގެ ބޭނުމަކީ މަގުމަތީގައި އާދަޔާ ހިލާފް ބާރު ސްޕީޑެއްގައި ދުއްވާ ޒުވާނުންނަށް ސަލާމަތީ ސާމާން ތައް ބޭނުން ކޮށްގެން ސައިކަލް ރޭސް ޖެހުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.
"މީގެ ބޭނުމަކީ ޒުވާނުންގެ ހުނަރު ރައްކާތެރި ގޮތެއްގައި ދައްކާލުމުގެ ފުރުސަތު ހޯދައި ދިނުން، މިގޮތަށް ފުރުސަތު ހުޅުވާލައިފި ނަމަ ވަކި ދުވަސްތަކެއްގައި މި ސަރަހައްދަށް އައިސް ސެފްޓީ އާއި އެކު އެމީހެއްގެ ހުނަރު ދައްކާލެވޭ ގޮތަށް މި ހަމަޖައްސަނީ." އޭނާ ބުންޏެވެ.
އައްޝަމް ބުނީ އިއްޔެގެ ހަރަކާތަކީ ގިނަ ޒުވާނުންގެ އެދުމުގެ މަތިން ބޭއްވި އިވެންޓެއް ކަމަށެވެ. އަދި މި އިވެންޓަށް ގިނަ ޒުވާނުންގެ ތަރުހީބް ވަނީ ލިބިފަ އެވެ.
އިއްޔެ ހަވީރު ބޭއްވި ސައިކަލް ރޭސް ޖެހުމަށް ބޭނުން ކުރި 3 ސައިކަލްގެ ތެރެއިން 2 ސައިކަލް ވަނީ ވެއްޓި ހަލާކުވެފަ އެވެ. ނަމަވެސް އެއްވެސް ދުއްވުން ތެރިއަކަށް ބޮޑު ގެއްލުމެއް ލިބިފައި ނުވެ އެވެ.
ނަމަވެސް އާދީއްތަ ދުވަހު ފަރިތަ ކުރުން ނިންމާލި ފަހުން އެސަރަހައްދުގައި ރޭސްޖަހަން އުޅުނު ޒުވާނަކު ވަނީ ސައިކަލުން ވެއްޓި ކޮނޑު ކަށިގަނޑާއި ވާއަތު ފައި ބިނދިފަ އެވެ.
އިއްޔެގެ އިވެންޓަގައި ސައިކަލްތައް ހަލާކު ވުމާއި ގުޅިގެން ބައެއް ދުއްވުންތެރިންގެ ހަރަކާތްތައް ވަނީ ދައްކާލެވޭ ގޮތް ނުވެފައެވެ.
މޯލްޑިވްސް ޕޮލިސް ސާވިސް އާއި ހިތަދޫ ހޮސްޕިޓަލް އަދި އެމްއެންޑީއެފް ފަޔާރ އެންޑް ރެސްކިއުގެ ބޮޑު އެހީތެރިކަމެއް ލިބުނު މި އިވެންޓް ބޭއްވުމަށް އައްޑޫ ސިޓީ ކައުންސިލުންވެސް ވަނީ ދާއިދުކޮށް ދީފަ އެވެ.
އައްޝަމް ބުނީ ކުރިއަށް އޮތް ތަނުގައި ހަފްތާއަކު އެއްދުވަހު ފަރިތަ ކުރުންތައް ބޭއްްވުމަށް ވިސްނަމުންދާ ކަމަށާއި، މިކަމަކީ އައްޑޫގައި ކުރެވިދާނެ ކަމަށް ކަމަށް މިހާރު ގަބޫލް ކުރެވޭ ކަމަށެވެ.
އައްޑޫއަކީ ބާރު ސްޕީޑްގައި ސައިކަލް ދުއްވައިގެން އެންމެ ގިނަ މީހުން އެކްސިޑެންޓްވެ ގިނަ ބައެއްގެ ފުރާނަ ގޮސްފައިވާ ތަނެކެވެ. އަދި މިގޮތަށް ހިނގާފައިވާ ގިނަ އެކްސިޑެންޓް ހިނގާފައި ވަނީ ޒުވާނުންނަށްކަން ފާހަގަކޮށްލެވެ އެވެ.
އައްޝަމް ބުނީ މި ހަރަކާތުގެ ސަބަބުން ރަށުތެރޭގައި ބާރު ސްޕީޑްގައި ދުއްވާ ޒުވާނުން މަދު ކުރުމަށް ފުރުސަތުތަކެއް ލިބިގެން ދާނެ ކަމަށް ގަބޫލް ކުރެވޭ ކަމަށެވެ.