Last Updated: June 20, 13:31
Saturday, June 20, 2026
ޚަބަރު

އާ ވޭރިއެންޓާ ގުޅިގެން އަޅާނެ ފިޔަވަޅުތަކާ މެދު މިއަދު މަޝްވަރާ ކުރާނެ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް

ކޮވީޑް-19 ގެ އާ ވޭރިއެންޓް "އޮމިކްރޮން"އާ ގުޅިގެން އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މިއަދު މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހާމަކުރައްވައިފިއެވެ.

ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އާ ކޮވިޑު ވޭރިއަންޓެއް ކަމަށްވާ "އޮމަކްރޮން" ގެ ވާހަކަ އަކީ ވަރަށް ކަންބޮޑުވާ ކަމެއްކަމަށެވެ. އަދި އެކަމާ ގުޅިގެން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން މިއަދު ބައްދަލުކޮށް، ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާ މެދު ގޮތެއް ނިންމަވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ސޯލިހް ވިދާޅުވީ، 50 އަހަރުން މަތީގެ މީހުންނަށް ބޫސްޓަރ ޑޯޒް ދެމުން އަންނަކަމަށާއި، އެގޮތުން ސިއްހީ، ޓޫރިޒަމް އަދި އެއާޕޯޓް ފްރޮންޓްލައިން ސްޓާފުންނަށް ބޫސްޓާ ޝޮޓް ދިނުމަށް މި ހަފްތާގައި ފަށާނެ ކަމަށެވެ. އާންމު ރައްޔިތުންނަށް ހާއްސަކޮށްގެން ބޫސްޓަރ ޕްރޮގްރާމް ފަށާނީ ޑިސެމްބަރު މަހުގެ މެދުތެރޭގައި ކަމަށާއި، އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް ވެކްސިން ފުރިހަމަ ކުރުމަށް އިލްތިމާސް ކުރައްވާފައިވެއެވެ.

ދެކުނު އެފްރިކާ އިން ފެނިގެން އުޅޭ ކޮވިޑް-19 ވޭރިއަންޓަކީ ކަންބޮޑުވުން އޮތް ވޭރިއަންޓެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިންވެސް ވަނީ ކަނޑައަޅާފައެވެ.

މި ވޭރިއަންޓްގެ ނަމަކީ "އޮމިކްރޮން" ކަމަށް ކަނޑައަޅާފައިވާއިރު މި ވޭރިއެންޓްގެ ސަބަބުން ގިނަ ގައުމުތަކުން މިހާރު އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ.