ސަރުކާރު ކުންފުނިތަކުގެ މެންޓޭޑުން ބޭރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުން މަނާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ފާސްކޮށްފިއެވެ.
ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމަށް އެ ކުންފުނިތަކުން ކުރިއަށްގެންދަވާ ބޯހިޔާވެހިކަމުގެ މަޝްރޫޢާ ގުޅޭ މައްސަލަ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގައި ވަނީ، "ހިޔާ މަޝްރޫއު"ގެ ދަށުން ކުންފުނިތަކާ ހަވާލުކޮށް ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ގޮސްފައިވާ ހިސާބާއި އެ މަޝްރޫއުތަކުގެ ސަބަބުން ފާހަގަކުރެވޭ އިތުރުކަންކަން ހިމަނާފައެވެ.
މި މައްސަލައިގައި ކޮމިޓީގެ ނިންމުމުގައި ބުނެފައިވަނީ، އެ ކުންފުންޏެއް އުފައްދާފައި އޮތް މަޤުޞަދާ އެއްގޮތަށް މަސައްކަތްތައް ކުރުމުގެ ބަދަލުގައި މުޅިން އެހެން ކަމަކަށް ކުންފުނީގެ ހުރިހާ ވަޞީލަތްތަކާއި ފައިސާ ޚަރަދުކޮށްގެން ބޯހިޔާވެހިކަމުގެ މަޝްރޫޢުގެ މަސައްކަތްކުރުމުން ކުންފުނީގެ ކޭޝްފްލޯ ތާށިވެ، ކުންފުނީގެ މެންޑޭޓުގައި ހިމެނޭ ގިނަ މަސައްކަތްތައް ނުކުރެވި، ކުންފުނީގެ ހިންގުމަށް ހުރަސްއެޅި، އަދި ކުންފުނިތަކުގެ އަމާޒާއި ލަނޑުދަނޑިތައް ހާސިލުކުރުމަށް ހުރަސް އެޅިގެންދާކަމަށެވެ.
އެހެންކަމުން ކުރިއަށް އޮތްތާނގައި މިފަދަ އެއްވެސް ބޯހިޔާވެހިކަމުގެ މަޝްރޫޢެއް ސަރުކާރު ޙިއްޞާވާ ކުންފުނިތަކާއި ޙަވާލުނުކުރެއްވުމަށް ދެންނެވުމަށް ކޮމިޓީން ނިންމާފައިވެއެވެ. އަދި ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ހިންގާ ބޯހިޔާވެހިކަމުގެ މަޝްރޫޢުތަށް ކުރިއަށް ގެންދިއުމަށް އެންމެ އެކަށީގެންވަނީ އަދި ރައްޔިތުންނަށް އޭގެ މަންފާއާއި ލާބަ އެންމެ އެދެވޭ ގޮތެއްގައި ލިބޭނީ، ބޯހިޔާވެހިކަމުގެ މަޝްރޫޢުތައް ހިންގުމަށް ކަނޑައަޅާފައިވާ ކުންފުނިތަކުން އެ މަސައްކަތްކުރިޔަށް ގެންދިއުމުންކަމަށް ވެސް ކޮމިޓީ ރިޕޯޓްގައި ބުނެފައިވެއެވެ.
ހައުސިންގ ޕްރޮޖެކްޓްތަކުގެ ކޮންސްޓްރަކްޝަން މަސައްކަތް ނިމުމަށްފަހު، އެ ހައުސިންގ ޕްރޮޖެކްޓްތައް މެނޭޖްކުރުމުގެ މަސްއޫލިއްޔަތު ސަރުކާރު ޙިއްސާވާ ކުންފުނިތަކާ ޙަވާލުވުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށާއި ދުރު މުސްތަޤްބަލަށް ވިސްނާއިރު ސަރުކާރުން ބޯހިޔާވެހިކަން ފޯރުކޮށްދިނުމުގެ މެންޑޭޓް ކަނޑައަޅާފައިވާ ކުންފުނިތައް ފިޔަވައި އެހެން ސަރުކާރު ޙިއްޞާވާ ކުންފުނިތަކަކަށް މިފަދަ މަސްއޫލިއްޔަތެއް އަދާނުކުރެވޭނެކަމަށް ކޮމިޓީ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން މިހާރު މަސައްކަތް ނިމިފައިވާ ޕްރޮޖެކްޓްތަކާއި ކުންފުނިތަކަށް ޙަވާލުކޮށްފައިވާ ފްރޮޖެކްޓްތަކާ މެދު ޢަމަލުކުރާނެ އުސޫލެއް ހައުސިން މިނިސްޓްރީއާ މަޝްވަރާކުރުމަށްފަހު އެކުލަވާލުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިޔަށް ގެންދަން ދެންނެވުމަށްވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުންވެސް ރިޕޯޓްގައި ބުނެފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް ހިމެނޭގޮތަށް ބޯހިޔާވެހިކަމުގެ މަޝްރޫއުގެ ދަށުން އިމާރާތްތައް އެޅުމަށް ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕަރޭޝަނުން 15 ފަރާތަކަށް ިބންދޫކޮށްފައިވާކަމާއި، އޭގެ ތެރެއިން މަސައްކަތް ކުރިއަށްދަނީ އެންމެ 6 ޕްރޮޖެކްޓްކަން ފާހަގަކުރެވޭކަމެވެ. އެހެންކަމުން މަސައްކަތް ކުރިއަށް ނުދާ މަޝްރޫއުތަކަށް ދޫކޮށްފައިވާ ބިންތައް އަނބުރާ ނެގުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ދެންނެވުމަށްވެސް ރިޕޯޓްގައި ކޮމިޓީން ނިިންމާފައިވާ ނިންމުންތަކުގައި ފާހަގަކޮށްފައިވެއެވެ.
ކޮމިޓީ ރިޕޯޓްގައި، މި މަޝްރޫއުތަކުގެ ތެރެއިން ބޮޑެތި ގޯސްތަކެއް ހުރިކަންވެސް ފާހަގަކޮށްފައިވެއެވެ. އެގޮތުން ކުންފުނިތަކުގެ މިހާރާއި ކުރީގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު ހިމެނޭ ގޮތުން ބައެއް ބޯޑު މެންބަރުންނަށް ފްލެޓް ލިބިފައިވާކަމާއި، ފްލެޓް ލިބުނު ބައެއް މުވައްޒަފުންގެ ތެރޭގައި ވެސް ބޯހިޔާވަހިކަން މިވަގުތު ހުރި އަދި ފުލެޓް ގަތުމުގެ މާލީ ތަނަވަސްކަން ހުރި ފަރާތްތަކަށް ފްލެޓް ލިބިފައިވާކަން ފާހަގަކޮށްފައިވެއެވެ.