Last Updated: June 20, 13:31
Saturday, June 20, 2026
ޚަބަރު

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި ތޮއްޑޫގައި ރީޑިންގ ޕާކެއް

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި އއ. ތޮއްޑޫގައި ރީޑިންގ ޕާކެއް ހަދައިފިއެވެ.

ތޮއްޑޫގެ ބަނދަރު ސަރަހައްދުގައި ފޮތް ކިއުމަށް ހާއްސަކޮށް ރީޑިންގ ޕާކެއް ގާއިމްކޮށްފައިވާއިރު، މި ރީޑިންގ ޕާކުގެ މަސައްކަތް ރާވައި ހިންގާފައިވަނީ ތޮއްޑޫ ސްކޫލްގެ ލީޑިން ޓީޗަރެއް ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

މި ޕްރޮޖެކްޓް ގެ މަގްސަދަކީ ފޮތް ކިޔުމުގެ ޝައުގު އުފެއްދުމާއި ފަސޭހަކަމާއެކު ފޮތް ކިޔޭނެ މާހައުލެއް ގާއިމްކޮށް އާއިލާތަކުގެ މެދުގައި ގުޅުން ބަދަހިކުރުން ކަމަށާއި، މި ރީޑިންގ ޕާކުގައި ދަރިވަރުންނަށް ހާއްސަކޮށްފައިވާ މިނީ ލައިބްރަރީ އެއްވެސް ހިމެނޭ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ. މިތަނަށް ޒިޔާރަތް ކުރާ ބެލެނިވެރިންނަށް ހާއްސަކޮށް ޖޯއްޔާއި އުނދޯލި ބަހައްޓާފައިވާކަމަށްވެސް މައުލޫމާތުދީފައިވެއެވެ.

މާ ބަގީޗާއެއްގެ ގޮތުގައި ތަރައްޤީކޮށްފައިވާ މި ރީޑިންގ ޕާކުގައި ތުއްތު ކުދިންގެ މޮޓޯ ސްކިލްސް ތަރައްގީ ކުރުމަށް ޗެސް، ޑޮމިނޯ ފަދަ ސިކުނޑި ތަރައްގީކޮށްދޭ ކުޅިވަރުތައް ކުޅުމުގެ ފުރުސަތުވެސް މަގުފަހިކޮށްފައިވެއެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. މިއަހަރަކީ މެދުކެނޑުމެއްނެތި ކޮމިއުނިޓީ ފަންޑު ހިންގާތާ ތިންވަނަ އަހަރެވެ. އަދި މިހާތަނަށް މިފަންޑުގެ ދަށުން 55 ޕްރޮޖެކްޓަކަށްވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ބީއެމްއެލްއިން މައުލުމާތުދެއެވެ.