Last Updated: June 30, 07:10
Tuesday, June 30, 2026
ކުޅިވަރު

ޗެލެންޖް ކަޕަށް ސްޓޭޑިއަމްގެ މަސައްކަތް ފަށައިފި

ސްޓޭޑިއަމްގެ ސިޑިބަރީގެ ފުޜާޅު ރޫޅާލަން ފަށާފައި. ފޮޓޯ/ އައްޑޫ ލައިވް

އޭއެފްސީ ޗެލެންޖް ކަޕްގެ ގްރޫޕްބީގެ މެޗް ކުޅުމަށް ހިތަދޫ ޒޯން ސްޓޭޑިއަމް ހެދުމަށް އަދީއްތަ ދުވަހު ހަވާލް ކުރި އަމީން ކޮންސްޓްރަކްޝަންއިން މަސައްކަތް ފަށައިފި އެވެ.

އައްޑޫގައި ކުރިއަށްގެން ދިޔަ އެންމެ ބޮޑު މަޝްރޫއު ކޮންވެންޝަން ސެންޓަރު އިމާރާތް ކުރި އަމީންގެ އިސް އޮފިޝަލަކު ވިދާޅުވީ އައްޑޫގައި ކުރިއަށް ގެންދާ ދެވަނަ ބިޔަ މަޝްރޫއުގެ މަސައްކަތް ފެށުމަށް އެ ކުންފުނީގެ ޓީމެއް މިހާރު ހިތަދޫގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޗެލެންޖް ކަޕަށް މިހާރު ސްޓޭޑިއަމްގައި ހަދާފައި ހުރި ސިޑި ބަރީގެ ދެފަރާތަށް ސިޑި ބަރި ދިގުކޮށް ފަހަތަށް 2 ބުރި އިމާރާތެއް ހެދުމަށް ވަނީ ނިންމާފައެވެ. އަދި ޗޭންޖިން ރޫމް ބޮޑުކޮށް މީޑިއާ ރޫމް އާއި ކޯޗު ރޫމްގެ އިތުރުން ބައެއް އޮފީސް ހަދާނެ ޖާގަ ހެދުމަށް ވަނީ ހަމަޖެހިފައެވެ.

ޗެލެންޖް ކަޕްގެ ތައްޔާރީތަކުގެ ތެރެއިން މިހާރު ސްޓޭޑިއަމްގައި އޮތް ވިނަ ގަނޑު ބަދަލުކޮށް އެންމެ ޒަމާނީ ފެންވަރުގެ ލައިޓިން ސިސްޓަމެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

އަންނަ މޭމަހު މާލެ އަދި އައްޑުގައި ކުރިއަށްގެންދާ ޗެލެންޖް ކަޕަށް ގަލޮޅު ދަނޑާއި ހިތަދޫ ޒޯން ސްޓޭޑިއަމް ހެދުމަށް އަމީން އާއި ހަވާލުކޮށްފައިވަނީ 71.5 މިލިއަން ރުފިޔާއަށެވެ.