Last Updated: April 19, 21:43
Friday, April 19, 2024
ކުޅިވަރު

ޗެލްސީ އާއި ޔުނައިޓެޑް އެއްވަރު، ސިޓީ މޮޅުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑް 1-1 އިން އެއްވަރުވިއިރު، ވެސްޓްހަމް ޔުނައިޓެޑްގެ މައްޗަށް 2-1 އިން މެންޗެސްޓަރ ސިޓީން ކުރި ހޯދައިފި އެވެ.

މި ނަތީޖާތަކާއެކު ލީގުގެ އެއްވަނައިގައި ޗެލްސީ މިހާރު އޮތީ 30 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 29 ޕޮއިންޓާ އެކު މެންޗެސްޓަރ ސިޓީ އޮތްއިރު ތިންވަނައިގައި 28 ޕޮއިންޓާ އެކު އޮތީ ލިވަޕޫލް އެވެ. ޔުނައިޓެޑް އޮތީ 18 ޕޮއިންޓާ އެކު ލީގުގެ އަށްވަނައިގަ އެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް މި ހާފުގައި ޗެލްސީން ވަނީ ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެގޮތުން ޗެލްސީގެ ކަލުމް ހަޑްސަން-އޮޑޯއި ފޮނުވާލި ހަމަލާއެއް ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެޔާ ދިފާއުކުރިއިރު އެޓީމުގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ ދުރުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު ޖޯޖީނިއޯ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޖޭޑަން ސަންޗޯ ވަނީ ޔުނައިޓެޑަށް ލީޑު ނަގާދީފަ އެވެ. މި ގޯލާއެކު ޗެލްސީން ދިޔައީ ޔުނައިޓެޑްގެ ފަހަތަށް ބާރުބޮޑު ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 69 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ޖޯޖިނިއޯ ވަނީ ޗެލްސީ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މި ޕެނަލްޓީ ޗެލްސީ އަށް ލިބުނީ ޔުނައިޓެޑްގެ ވެންބިސާކާ ޗެލްސީގެ ތިއާގޯ ސިލްވާ އަށް ކުރި ފައުލަކާ ގުޅިގެންނެވެ.

މި ގޯލަށްފަހު ލީޑު ނަގަން ޗެލްސީން މަސައްކަތްތަކެއް ކުރިއިރު މެޗުގެ ފަހު ސިކުންތުކޮޅުތެރޭ ރުޑިގާ އަށް ވަނީ މުޅިން ހުސް ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ.

ހަތަރުވަނައިގައި އޮތް ވެސްޓްހަމް ޔުނައިޓެޑް އަތުން އަމިއްލަ ދަނޑުގައި ސިޓީ މިރޭ މޮޅުވިއިރު މި މެޗުގައި ސިޓީގެ ދެ ގޯލު ކާމިޔާބުކޮށްދިނީ ރިޔާދް މަހްރޭޒް އާއި ފާނަންޑީނިއޯ އެވެ. ވެސްޓްހަމްގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ލަންޒީނީ އެވެ.