Last Updated: June 20, 11:49
Saturday, June 20, 2026
ޚަބަރު

މިނީބަހުގެ ހިދުމަތް ނުފެށި ލަސްވަނީ ބޭނުންވާ ވަރަށް ބަޖެޓް ހަމަނުޖެހޭތީ: މިނިސްޓަރު ނަހުލާ

މިނިސްޓަރު އައިޝަތު ނަހުލާ --

މާލޭގައި މިނީ ބަހުގެ ހިދުމަތް ނުފެށި ލަސްވަނީ އެކަމަށް ބޭނުންވާ ވަރަށް ބަޖެޓް ހަމަނުޖެހޭތީ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ނަހުލާއަށް ސުވާލުކުރުމަށް ލިބުނު ފުރުސަތުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވަނީ މިނީބަހުގެ ހިދުމަތް ނުފެށޭތީ އެކަން ފެށޭނެ ތާރީހަކާ ގުޅޭގޮތުން ސުވާލުކޮށްފައެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ، ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލުވެފަ ހުރި މަސައްކަތުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅުތަކުގެ ތެރެއިން ހަމައެކަނި ނުވެ އޮތް މަސައްކަތަކީ އެއީ ކަމަށެވެ.

އެ މަސައްކަތް ފެށުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، އެހެންނަމަވެސް އެ މަސައްކަތް ނުފެށި ލަސްވަނީ ބަޖެޓްގެ ދަތިކަމާ ހުރެކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނާ ހަވާލު ކުރާ ޒިންމާތައް އަދާކުރެވޭނީ އަޅުގަނޑުމެންނަށް އެ މަސައްކަތަށް ލިބިފައިވާ ބަޖެޓު ލިބިގެން ކަމަށްވާތީ، އެކަމުގަ ބަޖެޓު މިހާތަނަށް އަދި ހަމަޖެހިފައި ނުވާތީ އެކަން ލަސްވެގެން ދާ ކަން އަޅުގަނޑު ފާހަގަކޮށްލަން." ނަހުލާ ވިދާޅުވިއެވެ.

މިމަސައްކަތް ފެށުމަށް ބޭނުންވާ ބަޖެޓް ހޯދުމަށް ބޭރުގެ އެހީ ދޭ ޖަމާއަތްތަކުގެ އެހީ ހޯދުމަށް އެދި ފޮރިން މިނިސްޓްރީގައި ވެސް އެދިފައިވާނެ ކަމަށާއި އެހެންނަމަވެސް އެކަންވެސް އަދި ކާމިޔާބު ވާގޮތަށް ވެފައި ނުވާކަމަށް ނަހުލާ ވިދާޅުވިއެވެ.