ކޮވިޑް-19 ގައި މިއަދު ރާއްޖެއިން ދެ މީހަކު ނިޔާވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ، ރޭ ދަންވަރު 02:00 ގައި، ނ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ މީހަކު އަދި މިއަދު ހެނދުނު 10:42 ގައި، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހަކު ނިޔާވެފައިވާކަމަށެވެ.
މިއާއެކު ރާއްޖެއިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 250 އަށް އަރާފައެވެ.
ރާއްޖެއިން މިހާތަނަށް ޖުމުލަ 91،464 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު ޖުމުލަ 89،434 މީހުން ބަލިން ރަނގަޅު ވެފައިވެއެވެ. އެޗްޕީއޭގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިވަގުތު ބައްޔަށް އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ 1،769 މީހުންނެވެ.
ކޮވިޑް-19އިން ދިފާއުވުމަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުން އަންނައިރު، މިހާތަނަށް 395،622 މީހުން ފުރަތަމަ ޑޯޒް ޖަހާފައިވާއިރު 363،310 މީހުން ވަނީ ދެވަނަ ޑޯޒް ޖަހާފައެވެ. އަދި 9558 މީހުން ބޫސްޓަރ ޑޯޒް ޖަހާފައިވެއެވެ.