މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ހޯދުމަށް ބޭރުގެ އެހީތެރިކަން ހޯދަންޖެހޭ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ހޭންޑްސް ޓުގެދާ އިން ހުށަހެޅި "ޗޭންޖް އެންޑީއޭ ޕެޓިޝަން"އާ ގުޅުވައިގެން މަޖިލީހުގެ ޕެޓިޝަން ކޮމެޓީން ތައްޔާރުކުރި ރިޕޯޓަށް ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ، ކޮމިޓީ ރިޕޯޓަށް ބެލުމުން އެނގެނީ ރާއްޖޭގެ މަސްތުވާތަކެތީގެ މައްސަލައަށް ޖުމުލަ ހައްލެއް ބޭނުންވެފައިވާކަން ކަމަށެވެ.
ހަސަން ވިދާޅުވީ މީގެކުރީގެ މަސްތުވާތަކެތީގެ ހާލަތާއި ރާއްޖެ މިކަމުގައި މިހާރު އޮތް ހާލަތު ވަރަށް ތަފާތު ކަމަށާއި، ފިރުވާގެ ނިޒާމަށްވެސް ބަދަލު ގެންނަންޖެހޭ ކަމަށެވެ.
އެގޮތުން މީގެކުރިންވެސް މަޖިލީހުގައި މިކަމުގައި ދެއްކެވި ވާހަކަ ތަކުރާރުކުރައްވާ ހަސަން ވިދާޅުވީ، ދިވެހިންގެ ނެތް ތަޖުރިބާއެއް ހޯދަންޖެހޭނީ ރާއްޖެއިން ބޭރުންކަމަށެވެ. ރާއްޖޭއިން ބޭރު ފަންނީ ތަޖުރިބާކާރު މާހިރުންގެ އެހީއާއެކީގައި ނޫނީ ދެން މަސްތުވާތެކަތީގެ މައްސަލައިން ރާއްޖެ ސަލާމަތެއް ނުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"ފަރުވާ ދިނުމުގެ ހަމަތަކާއި އުސޫލުތަކާއި ގަވައިދުތައް އެކުލަވާލަންވީ ސަރުކާރުން. އެކަން ކުރުން ދޫކޮށްލާ ވާހަކައެއް ނޫން މި ދަންނަވަނީ. އެހެންނަމަވެސް އެ ފަރުވާ ދިނުން، އެކަމުގެ ފަންނުވެރިން، ތަޖުރިބާކާރު މީހުންނާ ހަވާލުކޮށްގެން ނޫނީ އެކަމެއް ކުރެވޭތަނެއް ނުފެނޭ." ހަސަން ވިދާޅުވިއެވެ.
މީގެއިތުރުންވެސް ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ހޯދުމަށް ގައުމީ ކެމްޕޭނެއް ހިންގަންޖެހޭކަމަށާއި، ފޯކަސް ގްރޫޕްތަކަށް އަމާޒުކޮށް ޓާކެޓެޑް މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ.