ފަލަސްތީން ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ވާޖިބެއް ކަމަށް އދ. އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ފަލަސްތީނު ރައްޔިތުންނާއެކު ބައިނަލްއަޤުވާމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ، މެދު އިރުމަތީގައި ސުލްޙަ ޤާއިމުކުރުމަކީ، އދ ވުޖޫދަށް އައީންސުރެ އެންމެ މުހިންމު އެއް އެޖެންޑާގެ ގޮތުގައި އޮތް ކަމެއް ކަމަށާއި، އަދި މި އެޖެންޑާގެ ބޮޑު ބަޔަކަށް ވެގެން ގޮސްފައި ވަނީ އިޒްރޭލާއި ފަލަސްތީނާ ދެމެދު އެއްބަސްވުމަކަށް އައިސް ސުލްޙަވެރިކުރުވުން ކަމަށެވެ.
މިމަސައްކަތުގައި މިހާތަނަށް ކާމިޔާބުވެފައި ވަނީ ވަރަށްވެސް ކުޑަ މިންވަރެއްކަން ފާހަގަކޮށް ޝާހިދު ވިދާޅުވީ މިކަމުގެ ނަތީޖާއެއްގެ ގޮތުން ފަލަސްތީނުގެ ރައްޔިތުން މިއަދާ ހަމައަށްވެސް ވޭން ތަހައްމަލު ކުރަމުންދާކަމަށެވެ.
ޝާހިދު ވިދާޅުވީ ޓޫ-ސްޓޭޓުގެ ހައްލާއެކު ފަލަސްތީނާއި އިޒްރޭލުގެ ރައްޔިތުން އެކުވެރި އަވަށްޓެރިންގެ ގޮތުގައި ދިރިއުޅުމުގެ ތަސައްވުރު އަދިވެސް އޮތީ ހާސިލް ކުރަން އުނދަގޫ ހުވަފެނެއްގެ ގޮތުގައި ކަމަށެވެ. އދ ގެ ގިނަގުނަ ޖެނެރަލް އެސެމްބްލީތަކެއްގައި ވަނީ ފަލަސްތީނުގެ ރެފިއުޖީންނަށް ހައްލެއް ހޯދައިދީ، އެ ސަރަޙައްދަށް ހަމަހަމަކާއެކު ދެމިގެންދާ ސުލްޙަވެރިކަމެއް ގެނައުމުގެ މުހިންމުކަމާ ބެހޭގޮތުން ހަރު އަޑުގައި ވަކާލާތު ކުރެވިފައި ކަމަށާއި، އެހެންނަމަވެސް، އަމިއްލަ ދަޢުލަތެއް ޤާއިމުކުރުމަށް ފަލަސްތީނުން ދެކެމުން އަންނަ ހުވަފެން އޮތީ ފުރިހަމަނުވެ ކަމަށެވެ.
"ގާޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ވަރަށް ވެސް ދަށް. ފެނާއި ކަރަންޓު، އަދި ބޭސްފަރުވާއާއި ތަޢުލީމު އުނގެނުން ފަދަ ޒަރޫރީ ބޭނުންތައް ލިބުމުގެ މަގު އޮތީ ވަރަށް ހަނިކޮށް. އެމީހުން ތިބީ ވަޒީފާއެއް ނެތި، ފައިސާ ހޯދާނެ މަގު ބަންދުވެ، ފަޤީރު ހާލުގައި ތާށިވެފައި. ކޮވިޑް-19 އަށްފަހު މިކަން އޮތީ އަދި މާ ނާޒުކު ފައްތަރެއްގައި. އަމިއްލަ ދަޢުލަތެއް ބިނާކުރުމުން މަޙުރޫމުވުމާ އެކުއެކީ، ދުނިޔޭގެ ކުރިމަތީގައި އެމީހުންގެ ޙައްޤުތަކަށް ވަކާލާތު ކުރުމުގެ ޙައްޤުން ވެސް އެމީހުން ތިބީ މަޙުރޫމުވެފައި. އަޅުގަނޑުމެން އެބަޖެހޭ މިއަށްވުރެ ރަނގަޅަށް މަސައްކަތް ކުރަން. އެ ސަރަޙައްދުގެ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް ވާޖިބެއް." އދ. އާންމު މަޖިލީހުގެ ރައިސް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ފަލަސްތީން ރައްޔިތުންނަށް ޙައްޤުވަނީ މިހާރު އޮތް ނިކަމެތި ހާލަތަށްވުރެ މާ ރަނގަޅު ގޮތެއް ކަމަށާއި އެމީހުންނަށް ޙައްޤުވަނީ، އަމިއްލަ ދަޢުލަތެއް ބިނާކުރުމަށް ދެކޭ ހުވަފެން ޙަޤީގަތަކަށްވުން ކަމަށެވެ.
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ޙައްލުކުރުމަށް އެ ދެބައިމީހުންނަށް ސަޕޯޓު ދޭން އެބަޖެހޭކަން ފާހަގަކޮށް ޝާހިދު ވިދާޅުވީ އެއީ އދ ގެ ރިޒޮލިއުޝަނާއި، މިކަމާ ގުޅުންހުރި އިތުރު 242 ރިޒޮލިއުޝަނަކާއި، ބައިނަލްއަޤުވާމީ ޤާނޫނުތަކަށް ފެތޭ މިންގަނޑުގައި، އަދި މިހާރު ކުރިއަށްދާ 'މިޑްލް އީސްޓް ޕީސް ޕްރޮސެސް" ގެ މައްޗަށް ބިނާކޮށް މިކަން ހައްލުކުރުން ކަމަށެވެ.
މީގެއިތުރުން ޝާހިދު ވަނީ ފަލަސްތީނު ރެފިއުޖީންގެ ބޭނުންތައް ފުރިހަމަކުރުމަށް ބޭނުންވާ މާލީ އެހީ ފޯރުކޮށްދިނުމުގައި އެހީތެރިވުމަށް މުޅި ދުނިޔެއަށް ގޮވާލަށްވާފައެވެ.