މީދޫ އާ އިންވެގެން އޮތް އިސްމެހެލާހެރަ ބީލަމަށްލުމުން ބޮޑު ދެ އިންވެސްޓަރަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބް ވިދާޅުވީ ސަރުކާރުން އިސްމެހެލާހެރަ ބީލަމަށް ލުމުން ބޮޑު ދެ އިންވެސްޓަރަކު މިހާރު ކުރިމަތިލާފައިވާ ކަމަށެވެ.
އަދި ސަރުކާރުން އިސްމެހެލާ ހެރަ ބީލަމަށްލީ އައްޑޫގައި ޓޫރިޒަމް ފުޅާ ކުރުމަށް މިރަށަކީ މުހިއްމު ރަށަކަށްވާތީ މިރަށުގައި ބޮޑު ރިސޯޓެއް ހެދުމަށް ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އަދި ވަހީދުގެ ސަރުކާރުގައިވެސް ބިޑަށް ހުޅުވާލައި އެއްވެސް ފަރާތެއްގެ ޝައުގުވެރިކަން ނުލިބި އޮތް ރަށައް ކުރިމަތިލީ ކޮން ބައެއް ކަން މިނިސްޓަރު ވިދާޅެއް ނުވެ އެވެ.
ޑރ. ވަހީދުގެ ސަރުކާރުގައިވެސް ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އަދީބް މީގެ ކުރިން ވިދާޅުވެފައިވަނީ އިސްމެހެލާހެރައަށް އެއްވެސް ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައި ނުވާކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އިސްމެހެލާހެރަ ރިސޯޓެއްގެ ގޮތުގައި ހިންގަން ފެށުމުން އައްޑޫއަށް ގިނަ ފައިދާތަކެއް ލިބި ވަޒީފާގެ ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށެވެ. އަދި މިހާރުގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ކެމްޕެއިންގައި ވިދާޅުވެފައިވަނީ އައްޑޫގައި 5000 ޓޫރިސްޓް ބެޑް ތައްޔާރުކުރައްވާނެކަމަށެވެ.
އައްޑޫ ސިޓީގައި މިހާރު ވެސް ދެ ރިސޯޓެއް ހިންގަ އެވެ. އެއީ ޝަންގްރިއްލާ ރިސޯޓާއި އަދި ހެރެތެރެ އައިލެންޑް ރިސޯޓެވެ. އެމްޓީޑީސީން ހިންގަމުން އަންނަ ހެރެތެރެ ރިސޯޓް މިހާރުވަނީ 33 މިލިއަން ޑޮލަރަށް ސިންގަޕޫރު ކުންފުންޏަކަށް ވިއްކާލާފައެވެ.