Last Updated: June 30, 07:10
Tuesday, June 30, 2026
ޚަބަރު

އައްޑޫން ބިން ހިއްކާނެ: ޑރ. މުއިއްޒު

ގަން އެއާޕޯޓް ބިން ހިއްކުމުގެ ތެރެއިން: އައްޑޫގެ ހަތަރު ރަށަކުން ބިން ހިއްކަން ވަނީ ހަމަޖެހިފައި. ފޮޓޯ/ އަހުމަދު ޝަފީއު

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި އިއްލާންކުރި އައްޑޫގެ ހަތަރު ރަށެއްގެ ބިން ހިއްކުމުގެ މަޝްރޫއު މި އަހަރުތެރޭ ފެށޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އައްޑޫގެ ހަތަރު ރަށުގެ ބިން ހިއްކުމުގެ މަސައްކަތް މިސަރުކާރުން ކުރިއަށްގެންދާނެކަމަށާއި މިއަހަރު ނިމުމުގެ ކުރިން މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. ނަމަވެސް މަސައްކަތް ފަށާނެ ތާރީހެއް އަދި ވިދާޅުވެން ނެތްކަމަށެވެ.

އައްޑޫ ހަތަރު ރަށުގެ ބިންހިއްކުމުގެ މަޝްރޫއު ވަޙީދު ސަރުކާރުން ފަށަން އުޅުމުން އެމަސައްކަތަކީ ބަޖެޓް ކުރެވިފައިވާ މަސައްކަތެއް ނޫންކަމުން އެކަން ނުކުރެވޭނެކަމަށް ރައްޔިތުންގެ މަޖީލީހުގެ މާލިއްޔަތު ކޮމެޓީން ވަނީ ބުނެފައެވެ. އެހެންވެ ހައުސިން މިނިސްޓްރީން މިދިޔަ އަހަރުގެ އޮގަސްޓްމަހުގެތެރޭގައިވަނީ ބަންޑާރަ ނައިބްގެ ލަފަޔަށް އެދިފައެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ އައްޑޫގެ ހަތަރު ރަށުގެ ބިން ހިއްކުމާއި ގުޅޭގޮތުން ބަންޑާރަ ނައިބުގެ ލަފަޔަކަށް އެދުނުތާ އެތައް މަހެއް ފާއިތުވެ ގޮސްފައިވާއިރު އަދިވެސް އެކަމުގައި ގާނޫނީ ލަފާ ލިބިފައިނުވާ ކަމަށެވެ.

އައްޑޫގެ ހަތަރު ރަށުގެ ބިން ހިއްކުމަށް ޝައުގުވެރިވާ ފަރާތެއް ހޯދަން ހައުސިން މިނިސްޓްރީން އެންމެ ފުރަތަމަ އިއުލާނު ކުރީ މިދިޔަ އަހަރު މެއި މަހުގެ 22 ވަނަ ދުވަހު އެވެ. ނަމަވެސް މިދިޔަ އަހަރު ޖޫން މަހުގެ ހަވަނަ ދުވަހަށް ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލި ފުރުސަތުގައި އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ ދެވަނަ ފަހަރަށް އެ މަޝްރޫއަށް ޝައުގުވެރިވާ ފަރާތެއް ހޯދަން އިއުލާނުކޮށްފައިވަނީ ނިމިދިޔަ އަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހު އެވެ. އަދި އެ މަސައްކަތަށް ތިން ފަރާތަކުން ވަނީ ކުރިމަތިލާފަ އެވެ.

އައްޑޫގެ ހަތަރު ރަށުގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން މަރަދޫ އާއި މަރަދޫ ފޭދޫން 75 ހެކްޓަރު ބިން ހިއްކަން ވަނީ ނިންމާފަ އެވެ. އަދި ފޭދޫ އިން 41 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވާއިރު ހިތަދޫ އިން 17.7 ހެކްޓަރުގެ ބިން ހިއްކަން ވަނީ ނިންމާފަ އެވެ.

ހައުސިން މިނިސްޓްރ ވިދާޅުވީ އައްޑޫ އަކީ އާބާދީ ބޮޑު ސަރަހައްދަކަށްވެފައި ގިނަ ބަޔަކަށް ބިން ބޭނުންވާ ކަމަށެވެ. އެހެންވެ މި ސަރުކާރުން ބޮޑު އިސްކަމެއްދީގެން އައްޑޫގެ ބިން ހިއްކާނެކަމަށެވެ.