Last Updated: June 20, 11:49
Saturday, June 20, 2026
ޚަބަރު

ޔާމީންގެ ޕާސްޕޯޓް ހިފެހެއްޓީ ރ. ފުއްގިރި މައްސަލައިގައި: ޕީޖީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ރ. ފުއްގިރި މައްސަލައާ ގުޅިގެން ކަމަށް ޕީޖީން ބުނެފިއެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލުހުކުމް ބާތިލުކުރުމާއެކު އިއްޔަ ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމީން ފުރުން މަނާކޮށް އަމުރެއް ނެރެފައެވެ. މި އަމުރު ކްރިމިނަލް ކޯޓުން ނެރެފައިވަނީ ފުލުހުންގެ އެދުމުގެ މަތިން ހަތް ދުވަހުގެ މުއްދަތަކަށެވެ.

ރައީސް ޔާމީންގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލައިގައި ނޫސްވެރިން ކުރިމަތިކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޕީޖީގެ ވަކީލް އަހުމަދު ޝަފީއު ވިދާޅުވީ ޔާމީންގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ރ. ފުއްގިރި ގެ މައްސަލައިގައި ކަމަށެވެ. އެ މައްސަލައިގައި ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައިވެއެވެ.

މިމައްސަލައާ ގުޅިގެން ޝަފީއު ވިދާޅުވީ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކުގައި ދަޢުވާލިބޭ އަދި ތުހުމަތުކުރެވޭ މީހުންގެ ޕާސްޕޯޓް ހިފެހެއްޓުމަކީ ޕީޖީ އޮފީހުން ޢަމަލުކުރާ އެސްއޯޕީގައި އޮންނަ ކަމެއް ކަމަށެވެ. އަދި ރ. ފުއްގިރި މައްސަލައިގައި ތުހުމަތުކުރެވޭ އިތުރުމީހުންގެ ޕާސްޕޯޓްވެސް ހިފެހެއްޓިފައިވާކަމަށެވެ.

"ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދުމަށް ފުލުހުންނަށް ލަފާދީފައިވާނީ، އެފަދަ އަމުރަކަށް އެދެވޭނީ ޤާނޫނުތަންފީޛްކުރާ އިދާރާތަކަށްކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައި އޮންނާތީ. ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދި ކޯޓަށް ހުށަހެޅުމަށް ފުލުހުންނަށް ލަފާދީފައިވާނީ އިއްޔެ." ޕީޖީ އޮފީހުގެ ފަރާތުން މައުލޫމާތު ދެއްވަމުން ޝަފީއު ވިދާޅުވިއެވެ.

ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް ސުޕްރީމް ކޯޓުން އިއްޔަ ބާތިލުކުރިއިރު، އެހެން ދެ މައްސަލައެއްގައި ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ. ވ. އާރަށް އަދި ރ. ފުއްގިރިގެ މައްސަލައިގައިވެސް ރައީސް ޔާމީންގެ މައްޗަށްވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައެވެ.