Last Updated: June 20, 10:36
Saturday, June 20, 2026
ޚަބަރު

އައްޑޫ ތަރައްޤީގެ ޕްލޭނާއި ގުޅޭގޮތުން މޭޔަރ ދެއްކި ވާހަކަ ރިޔަން އިން ދޮގުކޮށްފި

އައްޑޫގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމަށް ރިޔަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވާ ކަމަށް ދޭހަވާގޮތަށް އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވި ވާހަކައަށް އެ ކުންފުނިން ރައްދު ދީފިއެވެ.

އައްޑޫ ތަރައްޤީގެ ޕްލޭނާ ގުޅޭގޮތުން މޭޔަރު އަލީ ނިޒާރު ދެއްކެވި ވާހަކައަށް ރައްދުދީ ރިޔަންއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ރިޔަން އާއި ހަވާލުކުރެވިފައިވަނީ އައްޑޫސިޓީގެ ސަސްޓެއިނަބަލް އާރބަން ޑިވެލޮޕްމަންޓް މާސްޓރ ޕްލޭން ހެދުމާއި އަދި އައްޑޫސިޓީގެ ލޭންޑްޔޫޒް ޕްލޭން ރިވިއުކުރުމުގެ މަސައްކަތް ކަމަށެވެ.

"ލާމަރުކަޒީ ގާނޫނުގެ ދަށުން 30 ނޮވެމްބަރ 2021 ގައި ކައުންސިލްތަކުން އެލް.ޖީ.އޭ.އަށް ހުށަހަޅަންޖެހޭ ރަށު ތަރައްޤީގެ ޕްލޭން ތައްޔާރުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ރިޔަންއާއި ހަވާލުކޮށްފައެއްނުވެއެވެ." ރިޔަންއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

ރިޔަންއިން ބުނެފައިވަނީ އެ ކުންފުންޏާ ހަވާލުކުރެވިފައިވާ މަސައްކަތް ލަސްވެގެންދާ މައިގަނޑު ސަބަބަކީ އައްޑޫ ސިޓީގެ އެންމެފަހުގެ ބިމުގެ ސާވޭ މެޕްތައް ކައުންސިލުން ފައިނަލްކޮށް މިއަދާހަމައަށްވެސް ހަވާލުކޮށްފައި ނުވާތީ ކަމަށެވެ. އަދި ދެފަރާތުން އެއްބަސްވެފައިވާ ފަދައިން ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތް ނިންމަން ޖެހޭނީ ސާރވޭ މެޕްތައް ލިބޭތާ 3.5 މަސްދުވަހުގެ ތެރޭގައިކަމަށާއި މިކަން ތަކުރާރުކޮށް އެކިފަހަރުމަތިން ކައުންސިލަށް ދަންނަވާފައި ވާނެ ކަމަށެވެ.

"މިކަން ކުރަންޖެހޭ ފަރާތަކީ އައްޑޫ ސިޓީ ކައުންސިލެވެ. މި ކުންފުންޏެއް ނޫނެވެ."

މިގޮތުން، އައްޑޫސިޓީގެ ސަސްޓެއިނަބަލް އާރބަން ޑިވެލޮޕްމަންޓް މާސްޓރ ޕްލޭން އެކުލަވާލުމާއި އަދި އައްޑޫސިޓީގެ ލޭންޑްޔޫޒް ޕްލޭން ރިވިއުކުރުމުގެ މަސައްކަތަށް 1 އެޕްރީލް 2021 ގައި ގެނައި އިޞްލާޙުހެ 4 ވަނަ މާއްދާގެ (ރ) ގައި، މަސައްކަތް ކުރިއަށް ގެންދިއުމުގައި، "ކޮންޑިޝަން ޕްރެސިޑެންޓް" ނުވަތަ "ޝަރުޠު ސާބިޤު" ތަކެއް، ކަނޑައަޅާފައިވާ ކަމަށް ރަޔަންއިން ބުނެފައިވެއެވެ. އަދި މި ކޮންޑިޝަން ޕްރެސިޑެންޓް، އައްޑޫ ސިޓީ ކައުންސިލުން ފުރިހަމަ ނުކޮށް، އޭގެ ބަދުނާމު ކުންފުނީގައި އަޅުވާތީ ކަންބޮޑުވާ ކަމަށްވެސް ރަޔަންއިން ބުނެފައިވެއެވެ.

ރިޔަން އިން ބުނެފައިވަނީ އެ ކުންފުންޏަކީ ރާއްޖޭގެ އެކި އަތޮޅުތަކުގައި ފާއިތުވެދިޔަ 24 އަހަރު ތެރޭގައި ކާމިޔާބުކަމާއެކު އެތަކެއް ފަންނީ މަސައްކަތްތަކެއް ކޮށްފައިވާ އަދި ކުރަމުންގެންދާ ކުންފުންޏެއްކަމަށެވެ. އަދި ނޫސްތަކުގައި މޭޔަރު ވިދާޅުވިކަމަށް ލިޔެފައިވާ ވާހަކަތަކަކީ ކުންފުންޏާއި ކުންފުނީގެ މުވައްޒަފުންގެ ހައްޤުތައް ގެއްލި ވިޔަފާރިއަށް ނޭދެވޭ އަސަރުތައް ކުރާނެ ކެމެއްކަމަށެވެ. އަދި މިއީ، މި ކުންފުނި ބަދުނާމުވެ ކުންފުންޏާމެދު މީހުންގެ އިތުބާރު ގެއްލޭފަދަ ކަމަކަށް ވާތީ އެކަން ކުށްވެރިކުރާކަމަށެވެ.