Last Updated: June 30, 06:12
Tuesday, June 30, 2026
ޚަބަރު

ހައި ސްކޫލަށް 53،000ރ. ގެ އެހީއެއް

ދިރާސީ އާ އަހަރު ފެށުމަށް އައްޑޫ ހައިސްކޫލުން ވަމުންދާ ތައްޔާރީގެ ތެރެއިން ކްލާސް ރޫމްތައް މަލްޓީމީޑިއާ ކުރުމަށް ހިނގާ ހަރަދަށް ބޭނުންވާ ފައިސާގެ ތެރެއިން 53،000ރ. އައްޑޫ ސިޓީ ކައުންސިލުން ހައި ސްކޫލަށް ހަދިޔާކޮށްފި އެވެ.

އައްޑޫ ހައި ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް ނަދީމް ވިދާޅުވީ ސްކޫލްގެ ކްލާސްތައް މަލްޓީމީޑިއާ ކުރުމަށް ބޮޑު ހަރަދެއް ހިނގާތީ އެކަމަށް ކައުންސިލްގެ އެހީއަށް އެދުމުން ވަރަށް ފުރިހަމައަށް އެކަން ކޮށްދީފައިވާ ކަމަށެވެ.

އަދި މިއިން ދޭހަކޮށް ދެނީ އައްޑޫ ސިޓީ ކައުންސިލުން އައްޑޫގެ ތައުލީމަށް ހާއްސަ އިސްކަމެއް ދޭކަން ކަމަށެވެ.

"ކައުންސިލުންގެ ބޭފުޅުން މިކޮށް ދެއްވީ ވަރަށް ބޮޑު ކަމެއް. މީ އައްޑޫގެ ތައުލީމަށް ކައުންސިލުން ދޭ އަހަމިއްޔަތު." ނަދީމް ވިދާޅުވި އެވެ.

ނަދީމް ވިދާޅުވީ ކައުންސިލްގެ މި އެހީ ސްކޫލްގެ ދަރިވަރުންނާއި، މެނޭޖްމަންޓް އަދި ބެލެނިވެރިން އުފަލާއި އެކު ބަލައިގަންނަ ކަމަށެވެ.

"އަޅުގަނޑު ވަރަށް ބޮޑު ޝުކުރެއް އަދާކުރަން ބޭނުން، ކައުންސިލުން މިފައިސާ ދިނުމަށް ފާސްކުރުމަށް ބޭއްވި ބައްދަލުވުމުގައި ތިއްބެވި މޭޔަރ ސޯބެއާއި ހުސެއިން ފަހުމީ، ހުސެއިން ހިލްމީ އަދި ޠޮއްޔިބްއަށް. "

އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިޤް (ސޯބެ) ވިދާޅުވީ 2013 ގެ ބަޖެޓްގެ ތެރެއިން 2014 ވަނަ އަހަރު ސްކޫލް ކިޔެވުން ފެށެންވާއިރަށް އައްޑޫ ހައިސްކޫލުން އެދުނު ކަންކަން ކުރުމަށް ފައިސާ ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އަދި މިގޮތަށް ކައުންސިލުން ނިންމީ ސްކޫލްގެ ކްލާސް ރޫމްތައް މަލްޓީމީޑިއާ ކުރުމަށް ބޭނުންވާ ސާމާން ލިބިފައި ހުރި ކަމަށް ސްކޫލުން ކައުންސިލްގައި އެދިފައިވުމާއި ގުޅިގެން އެމަސައްކަތް ކުރިއަށް ގެންދިއުމަށް އިތުރަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުން އެކަން ކުރެވޭނެތީ އެވެ.

"އަޅުގަނޑުމެންނަށް ސްކޫލުން އެދުނުގޮތަށް އެމަސައްކަތް ކުރިއަށް ގެންދެވޭނެ އިންތިޒާމެއް ހަމަޖައްސާދިނީ އައްޑޫ ހައިސްކޫލަކީ މަތީ ސާނަވީ އަށް ހާއްސަ ސްކޫލަކަށްވެފައި އެ ސްކޫލުގައި ފެންވަރު ރަނގަޅު ކްލާސް ރޫމްތައް ޖެދިގެން ދިއުމަކީ އައްޑޫގެ ތައުލީމަށް ލިބޭ އިތުރު ކުރިއެރުމަކަށްވާތީ." ސޯބެ ވިދާޅުވި އެވެ.

ހަތަރު ސަތޭކަ އަށްޑިހަ އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ އައްޑޫ ހައި ސްކޫލްގައި ވަނީ "އައި-ކްލާހެއް" ޑިވެލޮޕް އައްޑޫ ޖަމިއްޔާގެ ފަރާތުން ހަދައި ދީފަ އެވެ.

ނަދީމް ވިދާޅުވީ ހައިސްކޫލްގެ ކިޔެވުން ފެށެންވާއިރަށް ކްލާސް ރޫމްތައް މަލްޓިމީޑިއާ ކްލާސްތަކަށް ބަދަލުކޮށް ނިންމާލެވޭނެ ކަމަށެވެ.

މިދިޔަ އަހަރު ހިތަދޫ ޝަރަފުއްދީން ސްކޫލަށް ވެސް ކައުންސިލުން 24،000ރ. ގެ ފައިސާގެ އެހީއެއް ދީފައިވެ އެވެ.