Last Updated: March 29, 16:45
Friday, March 29, 2024
ޚަބަރު

އައްޑޫ އިން އިތުރު 21 މީހަކު ޕޮޒިޓިވް ވެއްޖެ

ކޮވިޑް-19 ބަލި މީހުންގެ ސާމްޕަލް ނެގުމަށް ހަރަކާތްތެރިވަނީ-- ފޮޓޯ: އައްޑޫލައިވް

އައްޑޫ ސިޓީން އިތުރު 21 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ، މިއަދު ހަވީރު 6 ޖެހުމާ ހަމައަށް ފެނުނު 21 ކޭސްގެ ތެރެއިން 16 ކޭސް ފެނިފައިވަނީ ހިތަދޫ އިން ކަމަށެވެ. އަދި 2 ކޭސް މަރަދޫއިން ފެނިފައިވާއިރު، މީދޫއިން 2 ކޭސް، އަދި ހުޅުދޫއިން 1 ކޭސް ފެނިފައިވާކަމަށް އެ ސެންޓަރުން ބުނެ އެވެ. މިއަދު، ފޭދޫ އަވަށާއި މަރަދޫފޭދޫ އަވަށުން އެންމެ ކޭހެއްވެސް ފެނިފައިނުވާކަމަށް އެ ސެންޓަރުން ވަނީ ބުނެފަ އެވެ.

އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް އުޅެނީ ހިތަދޫ އަވަށުގައެވެ. އެގޮތުން ހިތަދޫގައި ކޮވިޑްގެ 175 ކޭސް އުޅޭއިރު، މަރަދޫގައި 31 ކޭސް، ފޭދޫގައި 6 ކޭސް، މަރަދޫފޭދޫގައި 4 ކޭސް، މީދޫގައި 21 ކޭސް އަދި ހުޅުދޫގައި 9 ކޭސް އުޅޭ ކަމަށް އެ ސެންޓަރުން ހާމަކުރެއެވެ. އަދި ގަމުގައި 2 ކޭސް އުޅޭކަމަށް އެ ސެންޓަރުން ވަނީ ބުނެފައެވެ. އެއާއެކު އައްޑޫގެ މުޅި ޖުމްލަ އެކްޓިވް ކޭސްގެ އަދަދު ވަނީ 248 އަށް އަރާފައެވެ.

އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި 2 މީހަކަށް ފަރުވާ ދެމުންދާއިރު، މި ބަލީގައި އައްޑޫ އިން 10 މީހުން ވަނީ ނިޔާވެފައެވެ.