Last Updated: April 25, 21:20
Thursday, April 25, 2024
ކުޅިވަރު

ރޮނާލްޑޯ 800 ގޯލް ހަމަކޮށްފި، ޔުނައިޓެޑަށް މުހިއްމު މޮޅެއް

ޕްރިމިއާ ލީގުގައި ރޭ އާސެނަލްގެ މައްޗަށް 3-2 އިން މެންޗެސްޓަރ ޔުނައިޓެޑް މޮޅުވި މެޗުގައި ޔުނައިޓެޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ކެރިއަރުގެ 800 ވަނަ ގޯލު ހަމަކޮށްފި އެވެ.

މި މޮޅާއެކު ޔުނައިޓެޑް މިހާރު ވަނީ 21 ޕޮއިންޓާ އެކު ލީގުގެ ހަތްވަނަ އަށް އަރާފަ އެވެ. އާސެނަލް އޮތީ 23 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގަ އެވެ.

ރޭގެ މެޗުގައި ވެސް ޔުނައިޓެޑަށް އިރުޝާދު ދީފައިވަނީ ވަގުތީ ކޯޗު މައިކަލް ކެރިކް އެވެ. ނަމަވެސް ކެރިކް ވަނީ ރޭގެ މެޗަށްފަހު 15 އަހަރަށްފަހު ޔުނައިޓެޑް ދޫކޮށްލަން ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ. ޔުނައިޓެޑްގެ ކޯޗުކަމާ ރަސްމީކޮށް މިއަދުން ފެށިގެން ހަވާލުވާނީ ޖަރުމަނުގެ ކޯޗު ރަލްފް ރަންގްނިކް އެވެ.

ޔުނައިޓެޑްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 13 ވަނަ މިނިޓްގައި އެމިލް ސްމިތު-ރޯވް ވަނީ އާސެނަލް އަށް ލީޑު ނަގާދީފަ އެވެ. މި ގޯލު ސްމިތް ރޯވް ކާމިޔާބުކުރީ ޔުނައިޓެޑްގެ މިޑްފީލްޑަރު ފްރެޑްގެ ފައިން އެ ޓީމުގެ ކީޕަރު ޑޭވިޑް ޑެހެއާ ފައިމައްޗަށް އެރުމުން ކީޕަރު ވެއްޓިފައި ވަނިކޮށެވެ. ކީޕަރު ވެއްޓިފައި އޮއްވާ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލުމުން ޔުނައިޓެޑްގެ ކުޅުންތެރިން އެކަމާ މައްސަލަ ޖެއްސިއިރު އެއީ ގޯލެއް ކަމަށް ރެފްރީ ކަނޑައެޅީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށްފަހު އެވެ.

އެ ގޯލާއެކު އާސެނަލް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމެންދަނިކޮށް މެޗުގެ 44 ވަނަ މިނެޓްގައި ބްރޫނޯ ފަނާންޑޭސް ވަނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. އަދި 52 ވަނަ މިނެޓްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޔުނައިޓެޑަށް ލީޑު ނަގައިދިންއިރު މި ގޯލަކީ ރޮނާލްޑޯ އޭނާގެ ކެރިއަރުގައި ކާމިޔާބުކުރި 800 ވަނަ ގޯލެވެ.

ޔުނައިޓެޑަށް ލީޑު ހިފަހައްޓައިލެވުނީ ދެ މިނިޓަށް ކަމަށްވާއިރު މެޗުގެ 54 ވަނަ މިނިޓްގައި މާޓިން އޮޑެގާޑް ވަނީ އާސެނަލަށް އެއްވަރުކޮށްދީފަ އެވެ. ޔުނައިޓެޑުން އަލުން ލީޑުނެގި ގޯލަކީ އޮޑެގާޑް ޔުނައިޓެޑްގެ ފްރެޑް އަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އަކުން ރޮނާލްޑޯ ޖެހި ގޯލެކެވެ.

ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ ކްރިސްޓަލް ޕެލެސްއާ އެވެ. އާސެނަލް ނިކުންނާނީ އެވަޓަންއާ ދެކޮޅަށެވެ.