Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ކޯގަންނު ގަބުރުސްތާން ހިމާޔަތް ކުރުމުގެ މަސައްކަތް މުލިމަތި ޖަމިއްޔާ އިން ފަށައިފި

މީދޫ ތާރީހީ ކޯގަންނު ގަބުރުސްތާން. ފޮޓޯ/ މުލިމަތި ޔުނައިޓެޑް

ސ. މީދޫގެ ތާރީހީ ތަނެއް ކަމަށްވާ ކޯގަންނު ގަބުރުސްތާނު ސަރަހައްދު ވަރަށް ބޮޑަށް ގިރައި އަދި ވާވަމުންދާތީ އެތަން ރައްކާތެރިކޮށް ހިމާޔަތްކުރުމުގެ މަސައްކަތް ސ. މީދޫ މުލިމަތި ޖަމިއްޔާ އިން ފަށައިފި އެވެ.

މުލިމަތި ޖަމިއްޔާގެ ޗެއާޕާސަން އަބްދުﷲ ވަސީމް ބުނީ ރަށުގެ އުތުރު ފަރާތުގައި އޮތް ކޯގަންނު ގަބުރުސްތާނާ ދިމާލުން ވަރަށް ބޮޑަށް ގިރަމުންދާ ކަމަށެވެ. އަދި އެތަން ހިމާޔަތްކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކޮށްފި ނަމަ ގަބުރުސްތާނަށް ގެއްލުންތަކެއް ލިބިދާނެ ކަމުގެ ބިރު ވެސް އޮތް ކަމަށް އޭނާ ބުންޏެވެ.

ވަސީމް ބުނީ ކޯގަންނު ގަބުރުސްތާން ހުރި ސަރަހައްދު ވަރަށް ބޮޑަށް ގިރަމުންދާކަން މިހާރު ފާހަގަ ކުރެވޭ ކަމަށެވެ. އަދި އެ ގަބުރުސްތާން އެކަށީގެންވާ ގޮތަށް ބަލަހައްޓަމުން ނުދާތީ މުޅި ސަރަހައްދު ވާވެ، ޖަންގަލި ހެދިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. ވަސީމް އިތުރަށް ބުނީ މި ގަބުރުސްތާނަށް ކުރިމަތިވެފައިވާ މައްސަލަތައް ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ވެސް ގެނައުމަށް މަސައްކަތްތަކެއް ވެސް ކޮށްފައިވާ ކަމަށެވެ.

އޭނާ ބުނީ އަންނަ ހުކުރު ދުވަހު ކޯގަންނު ގަބުރުސްތާން ސާފުކުރުމުގެ ޕްރޮގްރާމެއް ވެސް ފަށަން ހަމަޖެހިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ދާއިމީކޮށް އެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އެތަނަކީ ހެރަތެރައަށާއި ޝަންގްރިއްލާ ވިލިނގިލި ރިސޯޓަށް އަންނަ ޓޫރިސްޓުން ވެސް އާންމުކޮށް ޒިޔާރަތްކޮށް ހަދާ ތަނެއް،" ވަސީމް ބުންޏެވެ. "އެހެންވެ އެތަން ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ވަރަށް މުހިއްމު ކަމެއް. އަޅުގަނޑުމެންނަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަށް ބޭނުންވާ ފަންޑް ހޯދުމަށް ވެސް މަސައްކަތްތަކެއް ފަށަން ތައްޔާރުވަމުން މި އަންނަނީ. އަންނަ ހުކުރު ދުވަހު ފަށާ ޕްރޮގްރާމްގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ ކަމެއް."