Last Updated: March 29, 10:52
Friday, March 29, 2024
ރިޕޯޓް

ގދ.ތިނަދޫ ކައުންސިލްގެ ދިދަ ވަރަށްވެސް ތަފާތު!

ތިނަދޫ ކައުންސިލްގެ ދިދަ އަދި ދިވެހިރާއްޖޭގެ ދިދަ

ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ އަކީ ވަރަށްވެސް ބޮޑު ތާރީޚެއް އޮތް ރަށެކެވެ. ދިވެހި ސަރުކާރާ ދެކޮޅަށް ބަޣާވާތްކުރުމުގެ ސަބަބުން ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި އެ ރަށުން މީހުން ބޭލި އެވެ. އަދި ދުވަސްގަނޑެއް ފަހުން އަނެއްކާވެސް މީހުން އާބާދުކުރި އެވެ. ތިނަދޫ އަކީ ދިވެހިރާއްޖޭގައިވެސް ނަން މަޝްހޫރު ރަށެކޭ ބުނެވިދާނެ އެވެ. ސަރުކާރުންވެސް ވަރަށް ގިނަ މަޝްރޫއުތައް ހިންގާ އެއް ރަށަކަށް ތިނަދޫ ވާނެކަމީ ޔަގީން ކަމެކެވެ.

އެ ރަށު ކައުންސިލްގެ 4 ވަނަ ދައުރު ފެށުމާއެކު، ފެންނަން ފެށީ ތަފާތު ބަދަލުތަކެކެވެ. ތިނަދޫގައި ދެވަނަ ފަހަރަށް އާބާދުވިތާ 55 އަހަރުފުރުނު ރަސްމިއްޔާތުވެސް ބޭއްވީ ވަރަށް ކުލަގަދަކޮށެވެ. ބޮޑު ހަފްލާއަކާއި، ކުޅިވަރުގެ އެކި ހަރަކާތްތަކާ އެކުގައެވެ. ނަމަވެސް މި ހުރިހާ ހަރަކާތްތަކާއި އެހެނިހެން ކަންކަމަށްވުރެ އެންމެ ފާހަގަކޮށްލެވުނު އެއް ކަމަކީ، އެ ރަށު ކައުންސިލްގެ އައު ދިދަ އެވެ.ފެއްސާއި ރަތާއި ނޫ އަދި ހުދު ކުލައިގެ އެ ދިދައިން ވަރަށް ގިނަ ކަންކަން ރަމްޒުކޮށްދޭކަމަށް އެ ކައުންސިލުން ބުންޏެވެ.

ތިނަދޫ ކައުންސިލްގެ ދިދަ

ތިނަދޫ ކައުންސިލްގެ އައު ދިދައިން ފެންނަ ފެހި ކުލައިން ރަމްޒުކޮށްދެނީ ހަމަޖެހުމެވެ. ނޫ ކުލައިން ރަމްޒުކޮށްދެނީ ފާގަތިކަމެވެ. ހުދު ކުލައިން ރަމްޒުކޮށްދެނީ ހަމަޖެހުމާއި އިސްތިޤްލާލާއި އަމާންކަމެވެ. ރަތްކުލައިން ރަމްޒުކޮށްދެނީ ރަށުގެ ދިރުމާއި އާރޯކަމެވެ. އެ ރަށު ކައުންސިލްގެ ރައީސް ސައުދު ވިދާޅުވި ގޮތުގައި، މިއީ އެ ދިދައިން ރަމްޒުކޮށްދޭ ކަންކަމެވެ.

ތިނަދޫ ކައުންސިލްގެ އައު ދިދަ އެންމެ ވައްތަރީ، ދެކުނުގެ ހަތަރު އަތޮޅުން ދިވެހި ސަރުކާރާ ވަކިވެ، އުފެއްދި ދައުލަތުގެ ދިދައާއެވެ. އެކުވެރި ސުވާދީބު ޖުމްހޫރިއްޔާގެ ދިދައާއެވެ. ތިނަދޫ އަކީވެސް އޭރު ސުވާދީބުގެ ރަށެކެވެ. އަދި ސުވާދީބު ސަރުކާރުގައި އެންމެ ބޮޑަށް ބައިވެރިވި އެއް ރަށްވެސް މެއެވެ. ތިނަދޫ ކައުންސިލްގެ ދިދައާއި، ސުވާދީބުގެ ދިދައިން ފެންނަ ހަމައެކަނި ތަފާތުތަކަކީ، ސުވާދީބުގެ ދިދައިގައި ހުރި ހަނދުފަޅި އާއި، ކުލަ އަތުރާފައި ހުރި އޯޑަރެވެ. ތިނަދޫ ކައުންސިލްގެ ދިދައިން ފެންނަނީ 3 ތަރި އެވެ. ނަމަވެސް ސުވާދީބުގެ ދިދައިން 3 ތަރިއާއި ހަނދުފަޅިއެއް ފެނެއެވެ. އަނެއް ތަފާތަކީ، ކުލަތައް އަތުރާފައި ހުރި އޯޑަރެވެ. ތިނަދޫ ކައުންސިލްގެ ދިދައިގައި ރަތްކުލަ ހުރީ އެންމެ މަތީގައެވެ. ނަމަވެސް ސުވާދީބުގެ ދިދައިގައި ރަތްކުލަ ހުރީ އެންމެ ތިރީގައެވެ. ތިނަދޫ ކައުސިލްގެ މި ދިދައަކީ، ސުވާދީބުގެ ދިދަ އަސްލަކަށް ބަލައިގެން ފަރުމާކޮށްފައިވާ ދިދައެކެވެ. ދާދި އެއްގޮތް ދެ ދިދަ އެވެ.

އެކުވެރި ސުވާދީބު ޖުމްހޫރިއްޔާގެ ދިދަ

ސުވާދީބު ސަރުކާރު ނިމުމަކަށް އައިސް، ދިވެހި ސަރުކާރުގެ ދަށަށް ތިނަދޫ ގެނެވުނު ނަމަވެސް ތާރީޚަކީ ބަދަލުކުރެވޭނެ އެއްޗެއް ނޫންކަން ޔަގީނެވެ. ސުވާދީބު ސަރުކާރަކީ ވުޖޫދަށް އައި ސަރުކާރެއްކަން އަންނާން އޮތް ޖީލުތަކަށްވެސް އެނގިގެންދާނެ އެއް ފަރުމާއަކަށް ތިނަދޫ ކައުންސިލްގެ މި ދިދަ ވެގެންދާނެކަން ޔަގީނެވެ. ސުވާދީބުގެ މި ފިކުރަކީ މުޅިއަކުން ނެތިގެން ދާނެ އެއްޗެއް ނޫންކަންވެސް ޔަގީނެވެ.

ތިނަދޫ ބައެއް ރައްޔިތުން ބުނާގޮތުގައި، މިހާރު އަމާޒު ހިފާފައި ވަނީ "ހަވަރުތިނަދޫ" އަށް އެ ރަށުގެ ނަން އަނެއްކާވެސް ބަދަލުކުރުމެވެ. އިހުއްސުރެ ތިނަދުއަށް "ހަވަރުތިނަދޫ" ކިޔަމުން އައިސް، ޖޫން 27، 1979 ގައި ތިނަދޫގެ ނަމުން ހަވަރު ކަނޑައިލެއްވެވިކަން އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް އިއުލާން ކުރެއްވި އެވެ. ނަމަވެސް އަނެއްކާވެސް ތިނަދޫގެ ނަމުގެ ކުރިއަށް ހަވަރު ލުމަށް އެ ރަށުގެ ބައެއް ރައްޔިތުން އަންނަނީ ކެމްޕޭން ކުރަމުންނެވެ. 2011 ވަނަ އަހަރު އެ ރަށުން ވަނީ، މިކަމުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އޭރުގެ ސަރުކާރުގައިވެސް އެދިފައެވެ.

ތިނަދޫ އަކީ ކޮންމެ ގޮތެއްވިނަމަވެސް، ތަފާތު ތާރީޚެއް އޮތް ރަށެކެވެ. އެ ރަށުގެ ރައްޔިތުންނަކީ، ތަހުޒީބަށް ލޯބިކުރާ ބަޔެކެވެ. އަދި އެ ރަށު ކައުންސިލަކީ، ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ކައުންސިލެކެވެ. އެކަން އެ ކައުންސިލްގެ ދިދައިންވެސް ވަނީ ދައްކުވައިދީފަ އެވެ،