Last Updated: April 20, 09:47
Saturday, April 20, 2024
ކޮލަމް

ސުވާދީބު ޖުމްހޫރިއްޔާގެ ފިކުރު، 56 އަހަރު ވީއިރުވެސް ނައްތާ ނުލެވުނު ފިކުރެއް !

ސުވާދީބް ޖުމްހޫރަިއްޔާގެ ދިަދަ.

ޔުނައިޓެޑް ސުވާދީވް ރިޕަބްލިކް (އެކުވެރި ސުވާދީބު ޖުމްހޫރިއްޔާ) އިއުލާން ކުރެވުނީ 3 ޖެނުއަރީ 1959 ގައެވެ. އުވިގެން ދިޔައީ ނުވަތަ އުވައިލެވުނީ 23 ސެޕްޓެމްބަރު 1963 ގައެވެ. ނަމަވެސް އެ ޖުމްހޫރިއްޔާގެ ހަނދާންތައް އޭގެ 56 އަހަރު ފަހުން ވެސް އަދިވެސް ދެކުނު ރައްޔިތުންގެ ސިކުނޑިތަކުން ފިލައިގެން ނުދެެއެވެ.

އުމުރުން 20 އަހަރުގެ ޒުވާނުން ވެސް ފަޚުރުވެރިކަމާއި އެކު ދައްކަމުން އެގެންދަނީ އެމީހުންގެ އަތޮޅު ނުވަތަ ރަށް ވެސް ނިސްބަތްވި ސުވާދީބު ޖުމްހޫރިއްޔާގެ ވާހަކައެވެ. ފޭސްބުކްގައި އެމީހުންގެ ޕްރޮފައިލް ފޮޓޯއަކަށް ވެސް ސުވައިދީބު ޖުމްހޫރިއްޔާގެ ދިދައިގެ ފޮޓޯތައް ލަމުން އެގެންދަނީ ސުވައިދީބު ޖުމްހޫރިއްޔާ އާއި މެދު އެމީހުން ފަޚުރުވެރިވާތީއެވެ.

ދިވެހިރާއްޖޭގެ ތާރީޚު ތިމަންނާ މެންނަށް މާބޮޑަށް އެނގިވަޑައިގަންނަވާ ކަމަށް ވަކާލާތު ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުން ނަމަ ސުވާދީބު ސަރުކާރު އެކުލަވާލުމަކީ ބަޣާވާތެކެވެ. އެއީ ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންގެ ބޮލަށް ބަޔަކު މީހުން ސަވާރުވެގެން ހިންގި ހަރަކާތެކެވެ. އެކަމުން އެމީހުން ސަލާމަތްކުރީ ދިވެހިރާއްޖޭގެ މައި ސަރުކާރުންނެވެ. އެވަރަކުން ވެސް ނިމުނީއެއް ނޫނެވެ. މައި ސަރުކާރުން ގޮސް ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންގެ ޙައްޤުތައް ހޯދައި ދިނީއެވެ. މިއީ އެމީހުންގެ ތާރީޚު ލިޔެފައިވާ ގޮތެވެ.

ނަމަވެސް މިއީ ޙަޤީޤަތް ނޫންކަން ދެކުނުގެ އަތޮޅަކަށް ވެސް ނިސްބަތްވާ ކޮންމެ ދަރިޔަކު ވެސް ހެކިވާނެއެވެ. ސުވަދީބު ޖުމްހޫރިއްޔާ އެކުލަވާލަން ޖެހުނީ ކީއްވެގެން ކަމާއި އޭގެ ސަބަބުން ދެކުނުގެ ރައްޔިތުންނަށް ލިބިގެންދިޔަ އިޤްތިސާދީ މިނިވަންކަން ނުލިބިގެން އެ ރައްޔިތުން މާލޭ ސަރުކާރަށް އާދޭސް ކުރަމުން ގެންދާތާ މިވަނީ، 56 އަހަރަށް ވުރެ ގިނަ ދުވަސް ވެފައެވެ. އަދިވެސް އާދޭސް ކުރުމަގައެވެ. ރަށުގެ މަގުގައި ބޮޑުވާ ފެންގަނޑު ހިއްކާލެވެނީ ވެސް މާލޭ ސަރުކާރުގެ ހުއްދަ ލިބިގެންނެވެ.

" އަޅުގަނޑުމެންގެ ރަށްތަކުގައި ދިރިއުޅޭ މީސްކޮޅަށް ކޮންމެހެން ވެސް ބެއިނުންވާ އަސާސީ ކަންތައްތައް ފުރިހަމަކޮށްދިނުމުގައި މާލޭ ސަރުކާރު އޮތީ އާފިލްކަމުގެ ނިންޖަކުން ނިދައިފަ އެވެ.
ކާބޯތަކެއްޗާއި އަންނައުނު އަދި ބޭސް ފަރުވާއާއި ތައުލީމު ކަހަލަ ކަންތައްތަކުން އަޅުގަނޑުމެން ވަނީ މަހުރޫމް ކުރެވިފަ އެވެ." މިއީ ދެކުނުގެ ރައްޔިތުންގެ ހާލަތު ބަޔާންކޮށް ސުވަދީބު ޖުމްހޫރިއްޔާގެ ރައީސް އަބްދުﷲ އަފީފު ދީދީ އިނގިރޭސިވިލާތުގެ ޓައިމްސް އޮފް ލަންޑަން ނޫހުގެ އެޑިޓަރަށް ފޮނުއްވި ސިޓީގައި ހިމަނާފައިވާ އިބާރާތްކޮޅެކެވެ.

މިއީ، ދެކުނުގެ އަތޮޅު ތަކުގެ ރައްޔިތުން މިއަދު ވެސް އެ ޚިދުމަތްތަކެއް ނުލިބިގެން އާދޭސް ކުރަމުން ގެންދާ ޚިދުމަތްތަކުގެ ވާހަކައެވެ. އެހެން ކަމުން ދެކުނުގެ ރައްޔިތުންގެ ހިތްތަކުން ސުވަދީބުގެ އަސަރު ފިލައިގެން ގޮސްފާނެ ހެނެއް ހިއެއް ނުވެއެވެ.

ސުވާދީބު ސަރުކާރުގެ ދުވަސްވަރު އިޤްތިސާދީ ގޮތުން އެންމެ ބޮޑު ކުރިއެރުމެއް ހޯދި އެއްބަޔަކީ ތިނަދޫގެ ރައްޔިތުންނެވެ. ސުވާދީބު ސަރުކާރު ނައްތާލުމަށް މާލޭ ސަރުކާރުން ސީދާ ތިނަދޫގެ ރައްޔިތުންނާއި ދިމާކޮށްލީ އެ ސަބަބަށް ޓަކައި ކަމަށް ވެސް ވެދާނެއެވެ.ވަޑާމާއި ދަނޑުވެރިކަން ކޮންމެވެސް ވަރަކަށް ކޮށް އުޅުނު ތިނަދޫގެ ރައްޔިތުންނަކީ އޭރު ތަޢުލީމީ ގޮތުން ވެސް ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އެއްބަޔަކު ތިބި ރަށެވެ.ދީނީ ތަޢުލީމް ޙާސިލްކުރި ގިނަ އަދަދެއްގެ ޝެއިޚުން ވެސް އޭރު ތިނަދޫގައި ތިއްބެވިއެވެ.

ތިނަދޫގެ މަސްވެރިކަން މަޝްހޫރުވެގެން ގޮސް ވޯރާ ވިޔަފާރިވެރިންގެ މަޤްބޫލުކަން ހުވަދޫގެ ކަނޑު މަހަށް ލިބިގެން ގޮސްފައިވާއިރު ދަގަނޑު ތެޅުމާއި ލޯ ކަންވާރު ހެދުމުގައި އެފަދަ ދެވަނައެއް ނެތް ބަޔެއްގެ ގޮތުގައި ވެސް އެމީހުން އޭރު ވަނީ ފާހަގަކުރެވިފައެވެ.

ދިވެހިރާއްޖޭގެ މައިސަރުކާރުގެ އިސްވެރިޔާ، އިބްރާހިމް ނާސިރް 1962 ވަނަ އަހަރު ތިނަދޫ އަށް އަރައި ގަދަކަމުން ރަށުން ބޭލުމުގެ ކުރިން ތިނަދޫގެ ރައްޔިތުންގެ ފަންޑިތަވެރިކަމާއި ބޭސްވެރިކަން ވެގެން ގޮސްފައިވަނީ މުޅި ސުވަދީބާއި ތިނަދޫގެ ވެސް ދިފާއީ އައްޑަނައެއްގެ ގޮތުގައެވެ.

އެއްވެސް ހަތިޔާރެއް ނެތި ތިބި އާންމު ރައްޔިތުންތަކަކަށް ބަޑީގެ ބޭނުންކޮށްގެން ބިރުދައްކައި، ރަށުން ބާލައި ގެދޮރާއި މުދާތައް އަންދާލުމަކީ ކިހާ ބޮޑު ޖަރީމާއެއް ހެއްޔެވެ ؟ ކުޑަކުދިންނާއި އަންހެނުންނަށް ވެސް އެއްވެސް ރަހުމެއް ނެތި ހުރިހާ އެންމެން ފެއްސޭނެ ތަނަކަށް ފެއްސިގެން ދިއުމަށާއި އަދި އޭގެ ފަހުން ރަށުގައި ހުރެއްޖެ ކޮންމެ މީހަކީ މަރާލެވޭނެ މީހެއް ކަމުގެ އިންޒާރު ދިނުމަކީ ރައްޔިތުންނަށް ހިމާޔަތް ދިނުންތޯއެވެ ؟

ކަށިމަލާއި ހުވަނދު މަލުގެ ނަމުން މުޚާތަބުކުރެވޭ ބަޔަކު ބޭ ތިމަންމެންނީ މާ ބޮޑަށް ތާރީޚު އެނގޭ ބައެއް ކަމުގައި ބުނެ ސުވާދީބު ޖުމްހޫރިއްޔާގެ ރައްޔިތުންނާއި ދެކޮޅަށް ހިންގި ލާއިންސާނީ ޖަރީމާތަކަށް ފަސްއަޅާއި ފޮރުވަން ކިތަންމެ މަސައްކަތެއް ކުރިޔަސް އެކަމެއް ނުކުރެވޭނެއެވެ. ނާސިރު ތިނަދޫގެ ބިމުގައި ހިންގި ޖަރީމާގެ ސަބަބުން ލައްގަނޑުތައް ޖެހިފައިވަނީ ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންގެ ހިތްތަކުގައެވެ. ތާރީޚުގެ ނަމުގައި ފްލޯކު ވާހަކަތަކެއް ލިޔެގެން، ނާސިރު ހިންގި ލާއިންސާނީ ޖަރީމާގެ ސަބަބުން މިދުނިޔެއަށް އަލްވަދާޢު ކިޔާފައިވާ މީހުންގެ ދަރިންނާއި ކާފަދަރިންނަކަށް އޮޅުވައެއް ނުލެވޭނެއެވެ.

ސުވަދީބު އުފެދުނީ ތަރައްޤީ އަށް ފެންބޮވައިގެންފައި ތިބި ރައްޔިތުންތަކެއްގެ މިންނެތް މަސައްކަތުން ކަމަށް ވާއިރު، މިހާރު ވެސް ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުން އެތިބީ އެމީހުންގެ ރަށްތައް ތަރައްޤީވުމަށް އެދިގެންނެވެ. ރަށުގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ ގޮތެއް ވުމަށް އެދިގެންނެވެ. ރާއްޖޭގެ މައި ސަރުކާރަށް އާދޭސް ނުކޮށް ކަންތައް ކުރެވޭނެ ދުވަހެއް ފެނުމުގެ އުއްމީދުގައެވެ.

ސިޔާސީގޮތުން މުޅި ޤައުމު ބައިބައިވެގެން ގޮސްފައިވާ ފަދައިން ދެކުނުގެ އަތޮޅުތަކުގައި ވެސް ސިޔާސީ ޚިޔާލު ތަފާތުވުންތައް ވަރަށް ބޮޑެވެ. ނަމަވެސް ހުރިހާ ރައްޔިތުންގެ މެދުގައި ވެސް މަޤުބޫލު އަދި އެފިކުރަކާއި މެދު ހިތުގައި ރުޅިވެރިކަމެއް ނެތް ފިކުރަކީ ސުވާދީބު ސަރުކާރުގެ ފިކުރެވެ. ދިވެހިރާއްޖޭގެ ވެރިކަމަށް ފެންބޮވައިގެންފައިވާ ސިޔާސީ ލީޑަރުން ވެސް ދެކުނުގެ ރައްޔިތުންނަށް ވެވަޑައިގަންނަވާ ވަޢުދަކީ ސުވަދީބު ޖުމްހޫރިއްޔާގެ ދުވަސްވަރު، ދެކުނުގެ އަތޮޅުތަކުގައި ޤާއިމްކުރެވުނު ފަދަ ވަސީލަތްތަކެއް ޤާއިމްކޮށްދޭނެ ކަމުގެ ވަޢުދެވެ. ނަމަވެސް ތަފާތަކީ އެބޭފުޅުން ވެވަޑައިގަންނަވަނީ ހުސް ވަޢުދުތައް ކަމެވެ.

ސުވަދީބުގެ ފިކުރަކީ ހަމަހަމަކެވެ.. ހުރިހާ ރައްޔިތުންނަކީ ވެސް ހަމަހަމަ ކަމާއި އެކު ތަރައްޤީގެ ފުރުސަތުތައް ލިބެންޖެހޭނެ ބައެއް ކަމެވެ. އިޤްތިސާދީ މިނިވަންކަމަކީ ވަކި ބަޔަކަށް ލިބިފައިވާ ޙައްޤެއް ނޫން ކަމެވެ. ސުވަދީބު ސަރުކާރުގެ ވެރިއަކަށް ހުންނެވި އަފީފްދީދީ އަކީ އައްޑޫގެ ބޭފުޅަކަށް ވިޔަސް ތިނަދޫ ވެސް ތަރައްޤީ ވެގެން ދިޔައެވެ. ހުރިހާ ބާރެއް އައްޑޫއަކަށް ޖަމާކުރެވިފައެއް ނުވެއެވެ. ސިޓީ ހިފައިގެން އާދޭސް ކުރުމަށް އަފީފްދީދީގެ އަރިހަށް ދާކަށް ނުޖެހެއެވެ. ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް، ސުވަދީބަށް ބޭސްފަރުވާއަށް ނުވަތަ އެހެން ބޭނުމަކު އަންނަ މީހެއްގެ އަތުން ޖިޒީއެއް ނުނަންގަވައެވެ. އައްޑޫއަށް އެރުމަށް ވަކި ޚާއްސަ ހުއްދައެއް ހޯދާކަށް ނުޖެހެއެވެ.

ސުވަދީބުގެ ފިކުރު ނެތިގެން ނުދާނެއޭ ހަރުއަޑުން އަފީފްދީދީ ވިދާޅުވެފައި ނުވި ނަމަވެސް، 56 އަހަރު ވެގެން ދިޔައިރުވެސް ރާއްޖޭގެ ދެކުނުގެ ރައްޔިތުންގެ ފިކުރަކީ ސުވަދީބުގެ ފިކުރެވެ. ފިޔާތޮށި ކުލަ ވިޔަސް، ރީނދޫކުލަ ވިޔަސް އެހުރިހާ ރައްޔިތުން އެކުވެރިކުރުވާ ފިކުރަކީ ސުވާދީބު ފިކުރެވެ. އެ ރައްޔިތުންގެ އޮޅުވާލުމަށް ވެސް ސިޔާސީ ލީޑަރުން މިހާރުވެސް ބޭނުންކުރައްވަނީ ސުވަދީބު ފިކުރެވެ. ސުވާދީބު ޖުމްހޫރިއްޔާ އާއި މެދު ދެކުނުގެ ރައްޔިތުން ފަޚުރިވަނީ އެހެންވެގެންނެވެ. ސުވާދީބުގެ ފިކުރަކީ އެމީހުންގެ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމަށް ބޭނުންވާ ހަމައެކަނި ފިކުރު ކަމަށްވީމައެވެ.