ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ މައްޗަށް ދަށު ކޯޓުން އިއްވި ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކުރުމަށްފަހު ޕީޕީއެމް މިރޭ ކާނިވާ ބާއްވާ ޖަލްސާގައި އާއްމުން ފުރި ތޮއްޖެހިއްޖެ އެވެ.
މި ޖަލްސާގައި ޕީޕީއެމްއާއި ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ބައިވެރިވަޑައިގަންނަވަ އެވެ. މި ޖަލްސާ ފެށުމުގެ މާކުރިން އާއްމުންގެ ގިނަ ބަޔަކު ކާނިވާ ސަރަހައްދަށް ގޮސްފަ އެވެ. އަދި މިރޭ 9.00ގައި ފެށި މި ޖަލްސާ ފެށުމުގެ ކުރިން އެ ސަރައްދުގެ ގޮނޑިތައް ފުރި އާއްމުން ކޮޅަށް ތިބެން ޖެހުނެވެ.
މިރޭ ބާއްވާ ޖަލްސާ ހާއްސަކޮށްފައިވަނީ ރައީސް ޔާމިން މިނިވެވަޑައިގެންނެވުމާ އެވެ. މި ޖަލްސާގައި ރައީސް ޔާމިން ވާހަކަފުޅު ދެއްކުމަށް ހަމަޖެހިފައިވެ އެވެ. އަދި އެ ޕީޕީއެމް އާއި ޕީއެންސީގެ އިސް ބޭފުޅުންވެސް ވާޙަކަ ދެއްކުމަށް ހަމަޖެހިފައިވެ އެވެ.
ރައީސް ޔާމިންގެ މައްޗަށް އިއްވި ޖަލު ހުކުމްގެ ކުރިން އެންމެ ފަހުން އާއްމުންނާ މުހާތަބު ކުރެއްވީ 2019 ވަނަ އަހަރު އެވެ. ރައީސް ޔާމިން މަނީލޯންޑަރިންގެ ދައުވާއިން ސަލާމަތްވެވަޑައިގެންނެވި ނަމަވެސް އެމަނިކުފާނުގެ މައްޗަށް ދައުވާކޮށްފައިވާ އެހެން ބައެއް މައްސަލަތަކާ ގުޅިގެން އެމަނިކުފާނުގެ ޕާސްޕޯޓްވަނީ ހިފައްޓާފަ އެވެ،