ޙަސަން ތައްޚާނުގެ ގެ ހޯދަން އުޅެއުޅެ މިހާރު ވަރުބަލިވެއްޖެއެވެ. ގަނޑިން މެންދުރުން އަނބުރާ ދޭއް ޖަހައިފިއެވެ. އަދިވެސް އެ ގެ ފެންނަ ގޮތެއް ނުވެއެވެ. އަހަރެން ރުޅި އައިސްގެން ތުންފަތުގައި ދަތް އަޅައިގެން ހުރެ ޒުހުރާ ދައްތައާއި ސުހައިލުގެ ފަހަތުން ހިނގަމުން ދިޔައީމެވެ.
އަހަރެމެންނަށް މަގު ދައްކަމުންދާ ކިލަލާ ތަތްތެޅިގެން ހުރި ކުޑަކުޑަ ކުއްޖާއާ ވާހަކަ ދައްކަދައްކައި ހުރެފައި ޒުހުރާ ދައްތަ ކުއްލިއަކަށް އަހަންނާ ދިމާއަށް ބަލައިލި އެވެ.
"ދެން ވާނީ ހަމަ ކުޑަކުޑަ އިރުކޮޅެއް. މިހާރު ޙަސަން ތައްޚާނުގެ ގެ އެނގިއްޖެ.] އަހަރެން ރުޅި އައިސްފައި ހުރި ގޮތް ނުދައްކާން ވެގެން ހިނިތުން ވެލީމެވެ. [ކަލޭ ވަރަށް ބޮޑަށް ބަނޑުހައި ވެފައި ހުރިކަން އަހަންނަށް އެނގެއެވެ."
ސުހައިލު އޭނާގެ ބޮޑު މަތިމަހުގެ ދަށުން އޭނާގެ ދަތްތައް ފެންނަ ވަރަށް ހީނލިއެވެ. އެހެން ނަމަވެސް އެ ވަގުތު އޭނާގެ ހިތްހެޔޮ ހިނިތުންވުންވެސް އަހަންނަށް ވެގެން ދިޔައީ ހިތި އެއްޗަކަށެވެ. "ކުރިއަށް ބަލާ. ފެންގަނޑަކަށް އެރެވިދާނެ." އަހަރެން އޭނާއަށް މަޝްވަރާ ދިނީމެވެ.
ހިސާބުގަނޑުގެ ހުރިހާ ގެއެއްގެ ކުދިބޮޑު އެންމެން މަގުމައްޗަށް ނިކުމެ އަހަރެމެންނާ ދިމާއަށް ބަލަން ތިއްބެވެ. އެއޮތްފަދަ ހިތްގައިމު ވަގުތުގައި ސުހައިލުގެ ޢިއްޒަތް ވެއްޔާ މޮޑެވިއްޖެއެވެ.
ދުރު ބަލަމުން ހިނގަމުން ދަނިކޮށް ފެންގަނޑަކަށް އެރެވިއްޖެއެވެ.
މިހާރު މިއީ ދަތްތައް ފެންނަވަރަށް ހޭން އަހަރެންނަށް ލިބުނު ފުރުޞަތެކެވެ. ސުހައިލު ފެންގަނޑަށް ފޭބި ތަން ފެނިފައި ހިސާބުގަނޑުގެ މީހުންތައްވެސް ހޭން ފަށައިފިއެވެ.
ޙަސަން ތައްޚާނުގެ ގެ ހުރީ އެ މަގު ނިމޭހައި ތާނގައެވެ. މާ ގިނަ އިރުތަކެއް ނުވެ އަހަރެމެން ތިބީ އެ ގޭ ދޮރު މަތީގައެވެ. ގޭ ދޮރުމައްޗަށް އަރައި ސަލާން ގޮވައިލުމުން މެދު ޢުމުރުގެ އަންހެނަކު ބޭރަށް ނިކުމެއްޖެއެވެ.
[ޙަސަން ތައްޚާނުގެ ގެއަކީ މިއީތަ؟] ޒުހުރާ ދައްތަ އަހައިލިއެވެ.
[ނޫން. އޭނާގެ ގެ ހުންނަނީ އަނެއް ފަރާތު މަގުގައި. މިއީ އޭނާގެ ދަރިފުޅު ނަޖީބުގެ ގެ. ތިޔައީ ނަޖީބުގެ އަންހެނުން.] އެއް ފަރާތުގައި އިން އެހެން އަންހެނަކު ޖަވާބު ދިނެވެ. އޭނާ އިޝާރާތް ކުރީ ދޮރު ހުޅުވި މެދު ޢުމުރުގެ އަންހެން މީހާއަށެވެ.
[އަހަރެމެންނަށް އެ ގެ ދައްކާނޭ ކުއްޖަކު ފޮނުވައި ދީފާނަންތަ؟] ޒުހުރާ ދައްތަ އަހައިލިއެވެ.
[އަހަރެންގެ ދަރިއަކު އެ މުސްކުޅި ޖާދޫގަރުގެ ގެއަކަށް ނުފޮނުވާނަން.] ނަޖީބުގެ އަންހެނުން ރުޅި އައިސްފައި ބުނެލިއެވެ.
[ދެން ކޮން ރުޅިއެއް އަންނާކަށް؟ އެއީ ކުދިންގެ ކާފައެއްނު؟] ކުރިން ވާހަކަ ދެއްކި އަންހެން މީހާ މިހެން ބުނެފައި އަހަރެމެންނާ ދިމާއަށް ބަލައިލިއެވެ. [ހިނގާ. އަހަރެން އެ ގެ ދައްކާނަން.]
އެ މީހާ އަހަރެމެން ގޮވައިގެން ހިނގައިގެންފިއެވެ.
[މި އާސިޔާއަކީ އެއްވެސް އަދަބެއް ސަދަބެއް ހުންނަ މީހެއް ނޫން.] އޭނާ ނުރުހުން ފާޅުކުރަމުން ބުނެލިއެވެ. [ކަލޭމެން ތިޔަ އައީ ކޮންތަނަކުން؟ ކޮން ރަށަކު ބައެއް ތިޔައީ؟]
އޭނާ އެހެން އަހާލުމުން ޒުހުރާ ދައްތަ ވާހަކަ ފަށައިފިއެވެ. [އަހަރެން މިއުޅެނީ ޙަސަން ތައްޚާނު ލައްވައި އަހަރެންގެ ފިރިމީހާއަށް ތަވީދެއް ލިޔުއްވަން. ރެޔާއި ދުވާލު އަބަދު ބޭރުގައި އުޅޭތީ. ގެއަކަށް ދަރިންނަކަށް އެއްވެސް ކަހަލަ ލޯތްބެއް ނުހުރޭ.] މިހެން ގޮސް ކިތަންމެ ވާހަކައެއް ދައްތަ ދެއްކިއެވެ.
އަހަރެން އަނެއްކާވެސް ހިތާހިތުން އެއްޗެތި ގޮވަން ފެށީމެވެ. އެވަރަށް ކިޔެވުމަކުންވެސް ޒުހުރާ ދައްތަގެ މުސްކުޅި ޚިޔާލުތަކެއް ނުކެނޑެއެވެ. އެކަހަލަ ޒުވާން ތަހުޒީބީ އަންހެނަކު އެހާ އަނގަ ގަދަ ވެދާނެއޭ މީހަކު ހީވެސް ނުކުރާނެއެވެ.
ޒުހުރާ ދައްތަގެ ފިރިމީހާ (އަހަރެންގެ ޅިޔަނު) މިދުވަސްކޮޅު އުޅެނީ ފެކްޓްރީގެ އަހަރީ ހިސާބުގެ ކަންތަކުގައި އަވަދިނެތި އަބަދު ގަމުގައެވެ. އެހެންނަމަވެސް ދައްތަ ހީކުރަނީ ކޮންމެވެސް އަންހެނެއްގެ އަވައިގައި ޖެހިގެން ގަމުގައި އުޅެނީކަމަށެވެ.
ދައްތައާ އިނުމުގެ ކުރިން އަޝްރަފު އުޅުނީ ވަރަށް ސިޔާސަކޮށެވެ. އެކަމަކު ދައްތައާ އިންފަހުން އަދި ޚާއްޞަކޮށް ދަރިން ލިބުމުން އެކަން މުޅިން ކެނޑިއްޖެއެވެ.
ކުރިއަށް ހިނގަމުން ދިޔައިރު އެ އަންހެން މީހާ ދައްތައަށް ނަޖީބުމެން ގޭގެ ވާހަކަ ކިޔައިދެމުން ދެއެވެ. ކައިވެނި ކުރެވުނުތާ ދެމަސް ވީތަނާ އާސިޔާ އެ ގޭ މީހުންނާ އަރައިރުންވެފައި ނުކުމެގެން ދިޔައީއެވެ. އޭގެފަހުން ނަޖީބަކަށްވެސް އަދި އެދެމީހުންގެ ދަރިންނަކަށްވެސް ޙަސަން ތައްޚާނުގެ އަންހެނުންނާވެސް ބައްދަލުވިޔަކަ ނުދެއެވެ.
[ޙަސަން ތައްޚާނުގެ ގެއަކީ މިއީ.] ގޭގެ ދޮރުމައްޗަށް ހުއްޓި ސަލާން ގޮވާލުމަށްފަހު މަޑުކޮށްލިއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި މުސްކުޅިފުރައިގެ އަންހެނަކު ބޭރަށް ނުކުމެއްޖެއެވެ. [އަހާނ. ޙައްވާދިޔެ ކިހިނެއް؟]
[ރަނގަޅު. ޒުބައިދާގެ ޙާލު ކިހިނެއް؟ މި އައީ ކަލޭގެ މެހުމާނުންކޮޅެއް ގޮވައިގެން. މި މީހުންނާ ދިމާވީ ނަޖީބުމެން ގޭދޮށުން. މި ގޭގެ ވާހަކަ އަހައިލުމުން އާސިޔާ ކެކިގަތްއިރު ހީވަނީ…] ޙައްވާދިޔެ އަނެއްކާވެސް އާސިޔާގެ ގޯސްކަމުގެ ވާހަކަ ފަށައިފިއެވެ.
[އެތެރެއަށް ވަދޭ.] ޒުބައިދާ އަހަރެމެން އެތެރެއަށް ވަންނަން ތަން ދެއްކިއެވެ.
[އަހަރެން ފަހުން އަންނާނަން. މިދަނީ ޙަސަން މޫސާ ހޮޓަލަށް. އަހަރެމެން ގޭގައި އުޅޭ އިބްރާހީމު އެތަނަށް ފޮނުވި ގޮތަށް ޚަބަރެއް ނުވޭ. މިހާރު ދެގަޑި އިރު ވެއްޖެ.] މިހެން ބުނެފައި ޙައްވާދިޔެ ހިނގައްޖެއެވެ.
އަހަރެމެން މަޑުމަޑުން އެ ގެއަށް ވަދެއްޖައީމެވެ. އެއީ ކުޑަކުޑަ އެހެންނަމަވެސް ހިތްގައިމު ގެއެކެވެ.
[މިއީ އަހަރެންގެ ދަރިފުޅު ސަކީނާ.] ޒުބައިދާ އެ އަންހެން މީހާ އަހަރެމެންނަށް ތަޢާރަފް ކޮށްދިނެވެ.
[ޙަސަން ތައްޚާނު ގޭގައި އެބަ އުޅުއްވާތް؟] ސަކީނާގެ މައްޗަށް މާބޮޑު ސަމާލުކަމެއް ނުދީ ދައްތަ އަހައިލިއެވެ.
އެއްފަރާތެއްގައި ހުރި ދޮރެއް ހުޅުވައިލައިފައި ޒުބައިދާ ބުންޏެވެ. [އާނ. އެބަ އުޅުއްވާ. އެތެރެއަށް ވަންނަވާ.] އެ ކޮޓަރީގައި އެލުވައިފައި ހުރި އުނދޯއްޔެއްގައި މުސްކުޅި ފިރިހެނަކު ތަޞްބީޙަ ފައްޗެއް ހިފައިގެން އިނެވެ. ދައްތަ އަހަރެންނާ ދިމާއަށް ބަލައިލިއެވެ.
[ދައްތަ އެތެރެއަށް ވަދޭ. އަހަރެން މިތާ މަޑުކޮށްލާނަން.] އަހަރެން އެތެރެއަށް ނުވަންނަން ވެގެން ބުނީމެވެ.
[ސުހައިލު؟] ދައްތަ ސުހައިލާ ދިމާއަށް ބަލައިލިއެވެ.
[އަހަރެންވެސް ބޭރުގައި މަޑުކޮށްލާނަން.] އޭނާވެސް ބުނެލިއެވެ. އެހެންކަމުން މަޖުބޫރުވެގެން ޙަސަން ތައްޚާނު [އަރިހަށް] ވަންނާން ޖެހުނީ ދައްތަ އެކަންޏެވެ. އަހަރެމެން ފެންޑާގައި ހުރި ދެ ގޮނޑީގައި އިށީނދެއްޖައީމެވެ. އަހަރެމެންނާ ދާދި ކައިރީގައި ހުރި ފަތްޖެހި ގޮނޑިއެއްގައި ސަކީނާވެސް އިށީނދެގެން އިނެވެ. އޭނާގެ ކައިރީގައި ކުޑަ ދެކުދިން ތިއްބެވެ.
[މިއީ ސަކީނާގެ ދަރިންތަ؟] އަހަރެން އޭނާއާ އިންޓަވިއު ކުރަން ފަށައިފީމެވެ.
[އާނ!] އޭނާ ލަދުން އޮޅިގެންފައި ބުންޏެވެ.
[ކަލޭގެ ގެ ކޮބާ؟] އަހަރެން އަނެއް ސުވާލުކޮށްލީމެވެ.
[މިއީ އަހަރެންގެ ގެ.] އޭނާ ކުރުކުރުކޮށް ޖަވާބުދިނެވެ.
އަހަރެން ފޫހިވެގެން ސުހައިލާ ދިމާއަށް ބަލައިލީމެވެ. އޭނާ އިނީ ފެންގަނޑަށް ވެއްޓުމުގެ ސަބަބުން ތެމިފައިވާ އޭނާގެ ފަޓުލޫނުގެ ފައިކުރިއަށް ބަލާށެވެ.
[އޭތް. ފަޓުލޫނު ނުއެއް ވިރޭނެ.] އަހަރެން މަޑުމަޑުން ބުނެލީމެވެ.
[ހަޅޭއް ނުލަވާ ހިމޭނުން ހުރޭ.] އޭނާ މޫނު ކުނިކޮށްލިއެވެ.
[އަސްތާ! މާ ހޫނު ގަދަވެފައި ދޯ؟]
އޭނާ އަހަންނާ ދިމާއަށް ކަޅި އަޅައިލައިފައި ހިމޭނުން އިނދެއްޖެއެވެ.
[ކަލޭގެ ބޭބެތަ؟] ސަކީނާ ބޮލުން ސުހައިލަށް އިޝާރާތް ކޮށްފައި އަހަންނާ ސުވާލުކޮށްލިއެވެ.
[އާނ. އަހަންނާ ދެބެއިންގެ ދެދަރި.] އަހަރެން ޖަވާބު ދިނީމެވެ.
ސުހައިލު އޭރުވެސް އިނީ ކޮންމެވެސް ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. އަހަރެން އަނެއްކާވެސް ސަކީނާއާ ސުވާލުކޮށްލީމެވެ. [ކަލޭގެ ފިރިމީހާ ކުރަނީ ކީއް؟]
[އޭނާއަކީ އަތޮޅު އޮފީހު ޕިޔޯނެއް.] މިހެން ބުނުމާއެކު ސަކީނާގެ މޫނުގެ ކުލަ މުޅިން ބަދަލުވެގެން ހިނގައްޖެއެވެ.
[އެހެންވީއިރު ކަލޭމެންނަށް ދިރިއުޅުން ވަރަށް ދަތިވާނެތާ.] އަހަރެން ބުނެލީމެވެ.
ސަކީނާ އިރުކޮޅަކު ހިމޭނުން ހުރުމަށްފަހު ބުނެލިއެވެ. [ކޮން ދައްޗެއް؟ ކޮންމެވެސް ގޮތަކަށް އުޅެވޭނެއެއްނު؟]
[ސުހައިލު ނިކަން ދެކިބަލަ. މިއީ ކިހާ ކެތްތެރި އަންހެން ކުއްޖެއް. ކަލެއާ ދިމާ އިދިކޮޅު.]
[އަހަންނަށް ނަޞޭޙަތް ދެއްވަން ހައްދަވާނެކަމެއް ނެތް. ކަލޭގެ ވާހަކަ ކުރިއަށް ގެންދޭ.] ސުހައިލު އަނެއްކާވެސް އަހަންނާ ދިމާއަށް ކަޅިއަޅައިލިއެވެ.
[ޒުބައިދާ. ވަރަށް ބޮޑަށް ޝުކުރިއްޔާ.] ދައްތަ ކޮޓަރިން ނިކުންނަމުން ޒުބައިދާއާ މުޚާޠަބުކޮށް ބުނެލިއެވެ.
[ޙަސަން ތައްޚާނު ބުނުއްވިގޮތަށް ތިޔަ ތަވީދު ބޭނުންކުރާތި. ކަލޭގެ ފިރިމީހާ ހިލޭ އަންހެނަކާ ދިމާއަށް ނުވެސް ބަލާނެ.] ޒުބައިދާ ބުނެލިއެވެ.
[މިއީ ޒުބައިދާގެ ދަރިފުޅު އުޅެނީ މީހަކާ އިނދެގެންތަ؟] ދައްތަ ސަކީނާއާ ދިމާއަށް އިނގިލި ދިއްކޮށްފައި އަހައިލިއެވެ.
[އާނ. ތިޔަ ނަޞީބު ދެރަ ކުއްޖާ އުޅެނީ މީހަކާވެސް އިނދެގެން. އެތިބަ ކުޑަކުޑަ ދެކުދީންނަކީ އޭނާގެ ދެ ދަރިން.]
[ނަޞީބު ދެރައޭ؟ އެއީ ކީއްވެގެން؟] ދައްތަ ޙައިރާންވެފައި ސުވާލު ކުރި އެވެ. އަހަރެންގެ ވެސް ދެ ކަންފަތް ކޮޅަށް ޖެހުނެވެ.
[ނަޞީބު ދެރަކަން ނޫން ދެން ކޮންކަމެއް؟ އޭނާގެ ގޮތެއް ފޮތެއް ނެތް ފިރިމީހާ ދެ އަންބަށް މީހަކާ އިނދެފި. އަދި އޭނާއާއި ދެ ދަރިން އެއްލައިލައިފައި ހަގު އަނބިމީހާގެ ގެއަށް ހިނގައްޖެ.] ޒުބައިދާ ހިތާމަވެރި ރާގަކަށް ކިޔައި ދިނެވެ.
އަހަރެން ސަކީނާގެ ރީނދޫ ކުލައަށް ބަދަލުވެފައިވާ މޫނަށް ބަލައިލީމެވެ. އެއަށްފަހު އެ މުސްކުޅި އަންހެން މީހާގެ މޫނުން ގޮސް އަހަރެންގެ ނަޒަރު ހުއްޓުނީ ދައްތަގެ އަތުގައި އޮތް ތަވީދަށެވެ.
(ނިމުނީ)