Last Updated: April 25, 09:40
Thursday, April 25, 2024
ޚަބަރު

ލީކުވެފައިވާ ސިއްރު ލިޔުންތަކުން، ޗައިނާގެ މުސްލިމުންނާ ދެކޮޅަށް ގެންގުޅޭ ސިޔާސަތުތައް ހާމަވެއްޖެ

ޗައިނާގެ މައިނޯރިޓީ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ވެރިން ގެންގުޅޭ ސިޔާސަތުތައް ހާމަވާ ސިއްރު ލިޔުންތަކެއް ލީކްވެއްޖެއެވެ.

ޝިންޖިއާން ޕްރޮވިންސްގައި ދިރިއުޅޭ މުސްލިމުންނާއި އެނޫންވެސް މައިނޯރިޓީ މީހުންނާ ދެކޮޅަށް ޗައިނާއިން 2014 ވަނަ އަހަރު ހިންގި ހަރުކަށި އަމަލުތަކާ ސީދާ ގުޅުވައި، ޗައިނާގެ ލީޑާޝިޕުން 2014 ވަނަ އަހަރު ދެއްކި ވާހަކަތަކާ ގުޅުވައި، މީގެ ކުރިން ޝާއިއު ކޮށްފައި ނުވާ ލިޔުންތަކެއްގެ ބައެއް ބައިތައް އޮންލައިންކޮށް ވަނީ ޝާއިއުކޮށްފަ އެވެ. އެ ލިޔުންތައް ލީކުކޮށްލީ އިނގިރޭސިވިލާތުގައި ހުންނަ މިނިވަން ޕީޕަލްސް ޓްރައިބިއުނަލެއް ކަމަށްވާ އުއިޣުރު ޓްރައިބިއުނަލްގައެވެ.

މި ލިޔެކިއުންތަކުގެ ތެރޭގައި 2014 ވަނަ އަހަރުގެ އޭޕްރީލް މަހު ޗައިނާގެ ރައީސް ޝީ ޖިންޕިން ދެއްވި ތިން ތަގުރީރެއް ވެސް ހިމެނެއެވެ. އެގޮތުން ޗައިނާގެ ރައީސް ދައްކާފައިވާ ވާހަކަތަކުގެ ތެރޭގައި ސަލާމަތީ ކަންކަން ބެލެހެއްޓުމާއި، ޗައިނާގެ މައިނޯރިޓީ މުސްލިމުންގެ އާބާދީ ކޮންޓްރޯލް ކުރުމާއި، އެމީހުންނަށް އަދަބު ދިނުމުގެ ބޭނުންތެރިކަން ހިމެނޭ ކަމަށް އެ ލިޔުންތަކާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

އެ ލިޔުންތަކުގައި ޗައިނާގެ ކޮމިއުނިސްޓް ޕާޓީ (ސީސީޕީ)ގެ ލީޑާޝިޕްގެ އެންމެ މަތިފަޑީގެ ބޭފުޅުން ވަނީ، ޝިންޖިއާންގައި އުޅޭ މައިނޯރިޓީ މުސްލިމުން "ރީ-އެޑިއުކޭޓް"ކޮށް އެހެންތަންތަނަށް ބަދަލުކުރުމަށްވެސް ގޮވާލާފައެވެ.

ލީކް ކޮށްލާފައިވާ ސިއްރު ލިޔުންތަކުގެ ސައްހަ ކަމާއި ގުޅޭގޮތުން ޖަރުމަނަށް ނިސްބަތްވާ ޑރ. އެޑްރިއަން ޒެންޒް ވިދާޅުވީ މިލިޔުންތަކަކީ މުހިންމު ލިޔުންތަކެއް ކަމަށާއި، އަދި އޭގައިވާ ކަންކަމާއި އެދުވަސްވރު ކަން ހިނގާގޮސްފައިވާ ގޮތާވެސް ދިމާވާކަމަށެވެ. ޑރ. އެޑްރިއަން އަކީ ޗައިނާގެ ޝިންޖިއާންގައި އުޅޭ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ކޮމިއުނިސްޓް ސަރުކާރުން ހިނގާކަންކަން ދިރާސާކުރުމުގައި އުޅުއްވާ ފަރާތެކެވެ.

ޑރ. އެޑްރިއަން ތުހުމަތު ކުރައްވާ ގޮތުގައި އެ ލިޔުންތަކުން ދައްކުވައިދެނީ ސީސީޕީގެ ވެރިކަން ރައްކާތެރިކުރުމުގެ ވަކި މަގްސަދެއްގައި ނަސްލު ނައްތާލުމުގެ އަމަލުތައް ހިންގުމަށް ޗައިނާގެ ލީޑާޝިޕުން ގެންގުޅެމުންއަންނަ ނިޔަތެވެ.

އޭޕްރިލް 2014 އިން މޭ 2018 އާ ދެމެދުގެ ތާރީހުތަކުގައި ހުރި، ސިއްރު 300 ސަފުހާގެ 11 ޑޮކިއުމެންޓްގައި ޗައިނާގެ ރައީސް ޝީ ޖިންޕިން އަދި ޗައިނާގެ ކޮމިިއުނިސްޓް ޕާޓީ، ސީސީޕީން އެ ގައުމުގެ މުސްލިމުންނާ ދެކޮޅަށް ގެންގުޅޭ ސިޔާސަތުތައް ހާމަކޮށް ދީފައިވާ އެކި ހިތާބުތަކާއި، ޗައިނާގެ މުސްލިމުންގެ އާބާދީ މަދުކޮށް އެމީހުންނަށް އަމާޒުކޮށް ގެންގުޅޭނެ ހަރުކަށިގޮތްތައް ހާމަވާކަމަށް ބޭރު މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.