Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ޔާމީން ދެއްކީ އަމިއްލަ "އީގޯ"ގެ ވާހަކަ: ވައްޑޭ

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) - ފޮޓޯ: މަޖިލިސް

ޕީޕީއެމް ޕިއެންސީން ރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން، ކޮވިޑް-19ގެ ދަތީގައި ރައްޔިތުން އުޅުނުގޮތުގެ ވާހަކައަށް އަލިއަޅުވާލާފައި ނުވާތީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ފާޑުވިދާޅުވެއްޖެއެވެ.

ވައްޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރީގެ ރައީސެއް ދުވަސްތަކަކަށްފަހު ނުކުމެ ރައްޔިތުންނާ މުޚާތަބް ކުރެއްވިއިރު، ކޮވިޑުގެ ޢާލަމީ ވަބާގެ ވާހަކައާއި، ލައްކައަކާ ގާތްކުރާ މީހުންނަށް ބަލިޖެހި، މުޅިޤައުމު އުފުލި ދަތިއުނދަގުލާއި، އެތައް ދިވެހީންނެއް މިބަލީގައި ދުނިޔެ ދޫކޮށް ގޮސްފައިވާކަން ފާހަގަކޮށްނުލުން ވަރަށް އައިބު ކަމަށެވެ.

"ގަޑި ދެގަޑި އިރު އަމިއްލަ ‘އީގޯ’ގެ ވާހަކަ ދެއްކެވި އިރު، ދެއަހަރު ވަންދެން މުޅި ޤައުމާއި ރައްޔިތުން އުފުލި ތަކުލީފުގެ ވާހަކަ ހަވާސާ ކޮށްލުމަކީ، އަމިއްލަ އެދުން ނޫން ކަމެއް ނެތްކަމުގެ ސާފު ހެއްކެއް." ވައްޑެ ވިދާޅުވިއެވެ.

ރޭ ޕީޕީއެމް ޕީއެންސީން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ މިސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ކުރެއްވި ކަންކަމުގެ ވާހަކަ ދައްކަވާފައިވެއެވެ.