Last Updated: April 19, 22:45
Saturday, April 20, 2024
ކުޅިވަރު

ވެސްޓްހަމް އިން ފަހަތުން އަރައި ޗެލްސީން ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓްހަމް އިން ފަހަތުން އަރައި ޗެލްސީގެ މައްޗަށް 3-2 އިން ކުރި ހޯދައިފި އެވެ.

މި ނަތީޖާއާއެކު 33 ޕޮއިންޓާ އެކު ޗެލްސީ އަދިވެސް އޮތީ ލީގުގެ އެއްވަނައިގަ އެވެ. ނަމަވެސް ލީގުގެ ދެވަނައިގައި އޮތް ލިވަޕޫލް އަދި ތިންވަނައިގައި އޮތް މެންޗެސްޓަރ ސިޓީ މިރޭ ކުޅޭ މެޗުތަކުން މޮޅުވެއްޖެނަމަ ޗެލްސީ ތިންވަނަ އަށް ވެއްޓޭނެ އެވެ. ވެސްޓްހަމް އޮތީ 27 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގަ އެވެ.

ވެސްޓްހަމްގެ ދަނޑުގައި ކުޅުނު މި މެޗުގެ 28 ވަނަ މިނެޓްގައި ތިއާގޯ ސިލްވާ ވަނީ ޗެލްސީ އަށް ލީޑު ނަގާދީފަ އެވެ. ސިލްވާ މި ގޯލު ކާމިޔާބުކުރީ ވެސްޓްހަމްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ބޮލުން ކުރިއަށް ފޮނުވާލި ހަމަލާއަކުންނެވެ.

މެޗުގެ 40 ވަނަ މިނެޓްގައި ވެސްޓްހަމް އަށް ލިބުނު ޕެނަލްޓީއަކުން ލަންޒީނީ ނަތީޖާ އެއްވަރުކޮށްދިން އިރު މި ޕެނަލްޓީ ލިބިފައިވަނީ ޗެލްސީގެ ކީޕަރު މެެންޑީ ވެސްޓްހަމްގެ ބޯވެން އަށް ކުރި ފައުލަކާ ގުޅިގެންނެވެ. ނަމަވެސް މެޗުގެ 44 ވަނަ މިނެޓްގައި މޭސަން މައުންޓް ވަނީ އަލުން ޗެލްސީ އަށް ލީޑު ނަގާދީފަ އެވެ.

ޗެލްސީ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 56 ވަނަ މިނެޓްގައި ބޯވެން ވަނީ ވެސްޓްހަމް އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މި ގޯލަށްފަހު ވެސްޓްހަމް އިން ކުޅުން ރަނގަޅު ކުރިއިރު މި މެޗުން ވެސްޓްހަމް މޮޅުވި ގޯލު މެޗުގެ 87 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މަސުއާކޫ އެވެ. މަސުއާކޫގެ މި ގޯލަކީ ޗެލްސީގެ ޕެނަލްޓީއޭރިއާ ތެރެއަށް ނަގައިދިން ހުރަހެއް ޗެލްސީގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ވަތް ގޯލެކެވެ.

މިއީ ލީގުގައި ޗެލްސީ ބަލިވި ދެވަނަ މެޗެވެ. މީގެކުރިން ޗެލްސީން ބަލިވެފައިވަނީ މެންޗެސްޓަރ ސިޓީ އަތުންނެވެ.