Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ޝައިޚް ހަސީނާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅު: ރަސްމީ ބަޔަށްފަހު ޗުއްޓީ ހޭދަކުރައްވަން ރިސޯޓްގައި މަޑުކުރައްވާނެ

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މި މަހުގެ 21 އިން 23 އަށް ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލައްވާފައި، ރާއްޖޭގައި ޗުއްޓީ ހޭދަކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ "އަވަސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޝައިޚް ހަސީނާ ޗުއްޓީ ހޭދަކުރައްވާނީ އެނބޫދޫފިނޮޅު ހިއްކައިގެން އެތަނުގައި ހަދާފައިވާ ރިސޯޓެއްގަ އެވެ. އަދި ރަސްމީ ދަތުރުފުޅުގެ ކަންކަން ނިންމަވާލައްވާފައި، އާ އަހަރު ފާހަގަކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ނޫހުން ވަނީ ރިޕޯޓްކޮށްފަ އެވެ.

މި މަހުގެ 21 އިން 23 އަށް ބޮޑުވަޒީރު ޝައިޚް ހަސީނާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި އެންމެ އިސްކަމެއް ދެއްވާނީ ގަވާއިދާ ޚިލާފަށް އުޅޭ ބަންގާޅު މީހުންގެ މައްސަލަ ހައްލުކުރުމަށާއި ވިޔަފާރި ގުޅުން ބަދަހި ކުރުމަށެވެ. ބަންގްލަދޭޝް ހައި ކޮމިޝަނުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ގައުމުގެ ހައި ކޮމިޝަނަރު މުހައްމަދު ނަޒްމުލް ހަސަން ވަނީ، ޝައިޚް ހަސީނާ މި މަހުގެ ތެރޭގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޝައިޚް ހަސީނާ ރާއްޖެ ވަޑައިގަންނަވަނީ ދިވެހި ސަރުކާރުގެ ދައުވަތަކަށެވެ. އަދި މިވަގުތުވެސް ބަންގްލަދޭޝްގެ މީޑިއާ ޓީމެއް އަންނަނީ ރާއްޖޭގައި ހަރަކާތްތެރި ވަމުންނެވެ.