Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

ބީއެމްއެލް އިން ހޯމް ލޯނުގެ އިންޓަރެސްޓް ރޭޓް ކުޑަކޮށްފި

ދިވެހީންގެ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހޯމް ލޯނުގެ އިންޓަރެސްޓް ރޭޓް ކުޑަކޮށްފި އެވެ.

ބީއެމްއެލް އިން ވަނީ ހޯމް ލޯނުގެ އިންޓަރެސްޓް ރޭޓް 9 އިންސައްތަ އަށް ކުޑަކޮށްފައެވެ. މިއީ ރާއްޖޭގައި ހޯމްލޯން ދޫކުރާ އެންމެ ކުޑަ ރޭޓެވެ.

ބީއެމްއެލުން ވަނީ ސްޓޫޑެންޓް ލޯނުގެ ރޭޓްވެސް %9 އަށް ދަށްކޮށްފައެވެ. އަދި ލައިފްސްޓައިލް ލޯނުގެ ޝަރުތަކަކަށް ބަދަލުގެނެސް ކަސްޓަމަަރަށް ލިބޭ ހުރިހާ އާމްދަނީއަކަށް ބަލައި ލައިފްސްޓައިލް ލޯނު ދޫކުރާ ގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ.

މިކަމާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ ޓޮމް ސޯޔަރ ވިދާޅުވީ، ލޯން ޕޯޓްފޯލިއޯގައި ހިމެނޭ ލޯނުތަކެއްގެ ރޭޓް ދަށްކުރެވޭނެ ހާލަތެއްގައި ބޭންކު އޮތީތީ އެކަން އުފަލާއެކު ފާހަގަކުރާ ކަމަށެވެ. ރާއްޖޭގެ އެންމެ ކުޑަ އިންޓަރެސްޓް ރޭޓުގައި ހޯމް ލޯނު ދޫކުރަން ހަމަޖެހުމާއެކު ގެދޮރު ގަތުމަށް ބޭނުންވާ ކަސްޓަމަރުންނަށް އެކަށީގެންވާ އަދަދެއްގެ ފައިސާ ފަހަށް ރައްކާކުރެވިގެންދާނެ ކަމަށްވެސް ޓޮމް ވަނީ ފާހަގަކުރައްވާފައެވެ.

މިސާލަކަށް ދަންނަވާނަމަ، 3 މިލިއަން ރުފިޔާގެ ލޯނަކުން ގާތްގަނޑަކަށް 500،000 ރުފިޔާ ރައްކާކުރެވޭނެ. މީގެ އިތުރުން އަޅުގަނޑުމެން މިވަނީ ކިޔަވާ ލޯނުގެ ރޭޓް ދަށްކޮށް ލައިފް ސްޓައިލް ލޯނުގެ ޝަރުތުތަކަށްވެސް މިވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައި – ޓޮމް ވިދާޅުވިއެވެ.

1 ޑިސެންބަރު 2021 އިން ފެށިގެން އަލަށް ކަނޑައެޅުނު ރޭޓްތަކަށް އަމަލުކުރަމުންދާނެ ކަމަށް ބޭންކުން ވަނީ ބުނެފައެވެ. އަދި ބީއެމްއެލް އިސްލާމިކް އިން ޝަރީޢާ ހަމަތަކުގެ މަތިން ދޫކުރާ ފައިނޭންސިންގ ޕްރޮޑަކްޓްތަކަށްވެސް މި ބަދަލުތައް ގެނެސްފައިވާކަމަށް އެ ބޭންކުން ބުނެއެވެ.

"ކަސްޓަމަރުންނަށް ލޯނަށް އެދި ހުށަހެޅުން އިތުރަށް ފަސޭހަ ކުރުމުގެ ގޮތުން ބޭންކުން މިވަނީ ރަހުނަކާ ނުލާ ދޫކުރާ ހުރިހާ ޕަރސަނަލް ލޯނުތަކަށް އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ މެދުވެރިކޮށް ހުށަހޭޅޭގޮތް ހަމަޖައްސާފައި" ބީއެމްއެލް އިން ބުންޏެވެ.

ވެހިކަލް ލޯނު، ލައިފްސްޓައިލް ލޯނު އަދި ގްރީން ލޯނަށްވެސް މިހާރު އޮންލައިންކޮށް އެދި ހުށަހެޅޭނެ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.