Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

ބަންދުގައި ހުންނެވި ދުވަސްތަކުގެ އިނާޔަތް ދޭން ޔާމީން އެދިވަޑައިގެންފި

ރައީސް ޔާމިން މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ބަންދުގައި ހުންނެވި ދުވަސްތަކުގެ އިނާޔަތް ދޭން ފިނޭންސް މިނިސްޓްރީގައި އެދިވަޑައިގެންފި އެވެ.

ފިނޭންސް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އަހްމަދު ލަމާން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ބަންދުގައި ހުންނެވި އިރުގެ އިނާޔަތްތައް ހޯދުމަށް އެދި އެ މިނިސްޓްރީއަށް ރައީސް ޔާމީންގެ ވަކީލަކު ސިޓީއެެއް ފޮނުއްވައިފައިވާ ކަމަށެވެ. އަދި މިހާރު އަމަލުކުރަމުން ދަނީ އެކަމުގައި ކަމަށާއި، ސިޓީއަށް އަދި ޖަވާބެއް ނުދެއްވާ ކަމަށެވެ.

ވަރަށް އަވަހަށް އެ ސިޓީއަަށް ޖަވާބެއް ދީ އަމަލުކުރާނެ ގޮތެއް ނިންމާނަން – ލަމާން ވިދާޅުވި އެވެ.

ރައީސް ޔާމީނަށް އިނާޔަތުގެ ގޮތުގައި ކޮންމެ މަހަކު 358،333.33 ރުފިޔާ ލިބޭއިރު، އެ މަނިކުފާނަށް ލިބެންޖެހޭ އިނާޔަތްތައް ހަމަޖައްސާފައިވަނީ ކޮންޓިންޖެންސީ ބަޖެޓުންނެވެ. ކޮންޓިންޖެންސީ ބަޖެޓުން ރައީސް ޔާމީންގެ އިނާޔަތްތަކަށް ހަތަރު މިލިއަން ރުފިޔާ ވަނީ ހަމަޖައްސައިފައެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު ސުޕްރީމް ކޯޓުން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލްކުރުމާ ގުޅިގެން ކުރީގެ ރައީސެއްގެ ހައިސިއްޔަތުން އެމަނިކުފާނަށް ލިބެންޖެހޭ އިނާޔަތްތަކާއި ސެކިއުރިޓީގެ ހިދުމަތް ދައުލަތުން ވަނީ ފޯރުކޮށްދޭން ފަށާފައެވެ.