Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

އަންހެނެއްގެ ކަންފަތް މަތީގައި ޖެހި ފިރިހެނަކު ޖަލަށް!

އަންހެނެއްގެ ކަންފަތް މަތީގައި ޖެހިކަމަށް އިއުތިރާފުވި ފިރިހެނަކު ޖަލަށް ލާން ހުކުމްކޮށްފި އެވެ.

އޭނާ ޖަލަށް ލާން ހުކުމްކޮށްފައިވަނީ އެއް މަހާއި 24 ދުވަހަށެވެ.

ތިނަދޫގައި ހުންނަ އެފްއެސްއެމްގެ ޕެޓްރޯލް ޝެޑް ކައިރީގައި މި ހާދިސާ ހިނގާފައިވަނީ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހު އެވެ. މި މައްސަލައާ ގުލިގެން ދައުލަތުން ވަނީ އަނިޔާ ދިނުމުގެ ދައުވާ އެ ފިރިހެން މީހާގެ މައްޗަށް އުފުލާފައެވެ. ދައުލަތުން ދައުވާ އުފުލީ ގދ. ތިނަދޫ ޓެއިލަރު, މުހައްމަދު އަބްދުاللهގެ މައްޗަށެވެ.

ޕެޓްރޯލް ޝެޑް ކައިރީގައި އަންހެނަކު ހުއްޓައި އޭނާއާ ޒުވާބުކޮށް ވާއަތްފަރާތު ކަންފަތްމަތީގައި ޖެހުމުގެ ސަބަބުން އެ އަންހެން މީހާގެ މޫނަށް އަނިޔާވެފައިވާ ކަމަށް ދައުވާގައި ވަނީ ބުނެފައެވެ. އަދި އެކަން އަންހެން މީހާގެ މެޑިކޯ ރިޕޯޓުން އެނގެން އޮތް ކަމަށްވެސް ދައުވާގައި ބުނެފައިވެއެވެ. މި ދައުވާއަށް މުހައްމަދު ޢަބްދުﷲ އިއުތިރާފު ވުމާއެކު، 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމުން އެއްބައި އުނިކޮށް އޭނާގެ މައްޗަށް އިއްވާފައިވަނީ 1 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި މި ހުކުމް ޖޫރިމަނާއަށް ބަދަލުކޮށްދޭން އެދުމުންވެސް ތިނަދޫ މެޖިސްޓްރޭޓުން ވަނީ ޖަލު ހުކުމް ދަމަހައްޓާފައެވެ.

ތިނަދޫ މެޖިސްޓްރޭޓް ކޯޓުން މިދިޔަ މަހުގެ 28 ވަނަ ދުވަހު އިއްވާފައިވާ މި ޖަލު ހުކުމް ޖޫރިމަނާއަށް ބަދަލުކުރިނަމަ، ޖޫރިމަނާގެ ގޮތުގައި 10,800 ރުފިޔާ މުހައްމަދު އަބްދުﷲ ދައްކަންޖެހޭނެ އެވެ. ނަމަވެސް، ޖަލު ހުކުމް ޖޫރިމަނާއަށް ބަދަލުނުކުރީ އެކަމުގެ ސަބަބުން އެފަދަ ހުތުރު އަމަލު ހިންގުމަށް އެހެން މީހުންނަށް ހިތްވަރު ލިބުމުގެ ފުރުސަތު އޮތުމުންނާއި، ކުށުގެ އަދަބު ލިބުނުކަން ހަގީގީ މާނައިގައި އިހްސާސް ކުރެވޭނެ ކަމަށް ޝަރީއަތަށް ގަބޫލު ނުކުރެވޭތީ އެވެ.

ދިވެހި މުޖުތަމައުގައި އަންހެނުންނަކީ އިހްތިރާމާއި ގަދަރާއި ރައްކާތެރިކަން ލިބިގެންވާ ބައެއްކަން މެޖިސްޓްރޭޓް ކޯޓުގެ ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ. އެއާއެކު، އެއް މަހާއި 24 ދުވަހަށް ގދ. ތިނަދޫ ޓެއިލަރު, މުހައްމަދު އަބްދުالله ޖަލަށް ލާން އެ ކޯޓުން ވަނީ ހުކުމްކޮށްފައެވެ.