ދައުލަތުގެ އޮފީސްތަކުން ކުރިއަށްގެންދާ ޕްރޮކިއުމަންޓްތަކާއި ގުޅިގެން ބަލައިގަނެވޭ ބިޑް ޕްރޮޕޯސަލްތައް އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ބަލައިގަތުމަށް ޑިވެލޮޕް ކޮށްފައިވާ ބީލަން ޕޯޓަލް ލޯންޗް ކޮށްފިއެވެ.
މި ޕޯޓަލް ލޯންޗް ކޮށްފައިވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.
މި ޕޯޓަލް ލޯންޗް ކުރުމަށްފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، "ބީލަން" ޕޯޓަލް ފަރުމާކުރެވިފައިވަނީ ބީލަންވެރިން ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ރައްކާތެރިކަން ބިޑް ހުޅުވުމުގެ ވަގުތާއި ހަމައަށް ހިފެހެއްޓޭނެގޮތަށް ކަމަށެވެ. އަދި، މި ޕޯޓަލް މެދުވެރިކޮށް ބިޑް ހުށަހެޅުމަށް ބޭރު ގައުމުތަކަށް ނިސްބަތްވާ ބީލަންވެރިންވެސް އިސްތިސްނާވެގެން ނުދާނެކަމަށާއި، މިގޮތުން، ކުރިއަށް އޮތްތަނުގައި އެންމެ ބޮޑު އެއް އަމާޒަކީ ފަންޑު ދޭ އެޖެންސީތަކުގެ ޕްރޮކިއުމަންޓްތަކުގައި މި ޕޯޓަލް މެދުވެރިކޮށް ބިޑް ހުށަހެޅޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށް އަމީރު ވިދާޅުވިއެވެ. އަދި އެކަމަށްޓަކާ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ.
ޕްރޮކިއުމަންޓްގައި މަސައްކަތްކުރާ އެންމެހައި މުވައްޒަފުންނަކީ ޕްރޮކިއުމަންޓާއި އޭގެ ސިޔާސަތުތަކުގެ މުހިއްމުކަން ދަނެގެން އެ މަސައްކަތް ކުރާ ބަޔަކަށް ހެދުމަށްޓަކައި، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އާއި ގުޅިގެން ޕްރޮކިއުމަންޓްގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަ ޓްރެއިނިންގ ޕްރޮގްރާމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހު މި ޓްރެއިނިންގ ޕްރޮގްރާމް ވުޖޫދަށް ގެނެސް އެ އަހަރުގެ ފުރަތަމަ ދެ ކުއާޓަރ ނިމުމުގެ ކުރިން ދައުލަތުގެ އެކި އޮފީސްތަކުގެ ޕްރޮކިއުމަންޓްގެ މަސައްކަތުގައި ހަރަކާތްތެރިވާ 1200 އަށްވުރެ ގިނަ މުވައްޒަފުން މި ޓްރެއިނިންގ ޕްރޮގްރާމް ފުރިހަމަ ކުރުން." އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ ޕްރޮކިއުމަންޓްގެ މަސައްކަތްތައް އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމަށްޓަކައި އިލެކްޓްރޯނިކް ގަވަރމަންޓް ޕްރޮކިއުމަންޓް ސިސްޓަމަކަށް ދިއުމަކީ އެންމެ ބޮޑު އެއް އަމާޒުކަމަށެވެ.