Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

ކޮވިޑް-19ގެ އާ ވޭރިއަންޓް ފެނުނީ ސައުތް އެފްރިކާއިން އައި ފަތުރުވެރިއެއްގެ ގައިން: އެޗްޕީއޭ

ކޮވިޑް-19ގެ ބަލި މީހުންނަށް ފަރުވާދިނުމަށް ހުޅުމާލޭގައި ހަދާފައިވާ ފެސިލިޓީގައި އެޑްމިޓްކޮށްފައިވާ މީހުންތަކެއް. ފޮޓޯ: ހެލްތު މިނިސްޓްރީ

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އިތުރަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ކޮވިޑް-19 ގެ އާ ވޭރިއަންޓެއް ކަމުގައިވާ އޮމިކްރޯން އަކީ "ވޭރިއަންޓް އޮފް ކޮންސަރން"އެއްކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާކަމަށެވެ.

ރާއްޖެއިންވެސް މި ވޭރިއަންޓަށް މީހަކު ޕޮޒިޓިވް ވެފައިވާއިރު، އެޗްޕީއޭއިން ބުނެފައިވަނީ ރާއްޖެއިން ފެނިފައިވާ ކޭސްއަކީ ސައުތު އެފްރިކާއިން ރާއްޖެއައި ފަތުރުވެރިއެއްގެ ފަރާތުން ފެނިފައިވާ ކޭސްއެއްކަމަށެވެ. އެގޮތުން އެ ފަތުރުވެރިޔާ ރާއްޖެއަށް އައިސްފައިވަނީ ނޮވެމްބަރު 21 ވަަނަ ދުވަހު ކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

މިކޭސްގެ ވޭރިއަންޓާބެހޭ މައުލުމާތު ލިބިފައިވަނީ ބޭރިއަންޓް ދެނެގަތުމަށްޓަކައި ޖިނޯމިކް ސިކުންސިންގ ހެދުމަށް ރާއްޖެއިން ބޭރަށް 30 ނޮވެމްބަރުގައި ފޮނުވުނު ސާމްޕަލްތައް ޓެކްޓުކުރުމުން ކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

"ޖިނޯމިކް ސިކުއެންސިން ހެދުމަށްޓަކައި ޤަވާއިދުން ވަކި އަދަދެއްގެ ސާމްޕަލްތައް ޑަބްލިއުއެޗްއޯގެ އެހީގައި ދަނީ ޓެސްޓް ކުރަމުންނެވެ. ރާއްޖެއިން ޖިނޯމިކް ސިކުއެންސިން ހެދިފައިވާ ސާމްޕަލްތަކުގައި އާންމުކޮށް ފެނިފައިވަނީ ޑެލްޓާ ވޭރިއަންޓެވެ." އެޗްޕީއޭއިން ބުނެފައިވެއެވެ.

އެޗްޕީއޭއިން ވަނީ ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ހުރިހާ ފަރާތްތަކަކުންވެސް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.

އަދި އާވޭރިއަންޓްގެ ސަބަބުންނާއި ބަލިން ރައްކާތެރިވުމަށް ފަރުވާ ކުޑަވުމުގެ ސަބަބުން ބަލިފެޔުރުން އިތުރުވެ ކޮވިޑް-19 ގެ އިތުރު ރާޅެއް އައުމުން ސަލާމަތްވުމަށް އެންމެންގެ އެއްބާރުލުން މުހިންމުކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.