Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

ޔާމީން އެދުނު 2.4 މިލިއަން ރުފިޔާ ދިނުމާމެދު މިހަފްތާގައި ގޮތެއް ނިންމަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު ބަންދުގައި ހުންނެވި މުއްދަތަށް ލިބެން ޖެހޭ އިނާޔަތުގެ ތެރެއިން ހޯދުމަށް އެދިވަޑައިގެންނެވި 2.4 މިލިއަން ރުފިޔާ ދިނުމާމެދު މި ހަފްތާގައި ގޮތެއް ނިންމާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ޔާމީން ފިނޭންސް މިނިސްޓްރީގައި އެދިފައިވަނީ ޖަލުގައި ހުންނެވި މުއްދަތުގައި ލިބެންޖެހޭ ރައީސުލްޖުމްހޫރިއްޔާ ކަންކޮށްފައިވާ ފަރާތްތަކަށް ދޭންޖެހޭ އިނާޔަތްތައް ހޯއްދެވުމަށެވެ.

އެކަމާ ގުޅޭގޮތުން "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓްރީގެ މީޑިއާ ޑިރެކްޓާ މުހައްމަދު ޝަނޫން ވިދާޅުވީ، އެކަމާމެދު އަދި ގޮތެއް ނުނިންމޭ ކަމަށާއި، މި ހަފްތާގައި ގޮތެއް ނިންމާނެކަމަށެވެ.

ރައީސް ޔާމީންގެ އިނާޔަތްތަކާ ގުޅޭގޮތުން އެމަނިކުފާނުގެ ވަކީލުން އިއްޔަ ބުނެފައިވަނީ، ޔާމީންގެ މައްޗަށް 28 ނޮވެމްބަރު 2019 ވަނަ ދުވަހު، ކްރިމިނަލް ކޯޓުން ހުކުމް ކުރުމާ ހަމައަށް އިނާޔަތުގެ ގޮތުގައި ލިބެމުން އައީ މާލީ އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާ 50,000 ރުފިޔާއައި ދިރިއުޅޭ ތަނުގެ ހަރަދުގެ ގޮތުގައި ލިބިވަޑައިގަންނަވާ 50,000 ރުފިޔާ ކަމަށެވެ.

ޔާމީންގެ ފަރާތުން އެދިފައިވަނީ 24 މަހަށް ލިބެންޖެހޭ ޖުމުލަ 2.4 މިލިއަން ރުފިޔާ ހޯއްދެވުމަށެވެ.