ހެލިކޮޕްޓަރު އޮޕަރޭޝަންތަކަށް ހުއްދަދިނުމަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމްގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށިފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ނަހުލާ މިފަދައިން ވިދާޅުވެފައިވަނީ ބައިނަލްއަޤުވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައެވެ.
އެގޮތުން މިނިސްޓަރު ނަހުލާ ވިދާޅުވީ، އައިކާއޯއިން އިންތިޒާމުކޮށްގެން 2021 އޮކްޓޯބަރުގައި މިނިސްޓަރުންގެ ލެވެލްގައި ބޭއްވުނު ހައި ލެވެލް ކޮންފަރަންސް އޮން ކޮވިޑް-19 ގައި ރާއްޖެއިން ބައިވެރިވެފައިވާ ކަމަށެވެ. އަދި ކޮވިޑް-19 އިން އަރައިގަނެ މަދަނީ ވައިގެ ދަތުރުފަތުރުގެ ހަރަކާތްތައް ކުރިއަށްގެންދާނީ "ފެސިލިޓޭޝަން" ދާއިރާއިންނާއި "ސޭފްޓީ" ދާއިރާއިން އެކުލަވާލެވުނު މިނިސްޓީރިއަލް ޑެކްލަރޭޝަނާއި އެއްގޮތްވާގޮތުގެ މަތީންކަމަށެވެ.
ހިތާބުގައި މިނިސްޓަރު ނަހުލާ ވިދާޅުވީ، ހެލިކޮޕްޓަރު އޮޕަރޭޝަންތަކަށް ހުއްދަދިނުމަށް ތައްޔާރުވުމުގެ ގޮތުން އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއާއެކު ކުރިއަށް ގެންދާ ޕްރޮގްރާމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިހާރު ފަށައިގަނެވިފައިވާކަމަށެވެ.
މީގެއިތުރުން ވިދާޅުވީ، މިއަހަރުގެ މައިގަނޑު އަމާޒަކީ ކޮވިޑް-19 ގެ ކުރީގެ ހާލަތަށް ރުޖޫއަވުން ކަމަށާއި، އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށާއި، އިތުރަށް ތަރައްޤީ ކުރުން ކަމަށެވެ. މިގޮތުން ރާއްޖޭގެ އެއާލައިންތަކުގެ ހަރަކާތްތައް އިތުރުކުރުމާއި އެއާޕޯޓްތައް ތަރައްޤީ ކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުން ހިމެނޭ ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ. އެގޮތުން އިންޓަނޭޝަނަލް ފްލައިޓްތައް އޮޕަރޭޓް ކުރުމުގެ ހުއްދަ ރާއްޖޭގެ ތިން އެއާލައިންކަށް މިހާރު ދެވިފައިވާކަން ފާހަގަކުރެއްވިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް މިއަރުވެސް ކުރިއަށް ގެންދާނެކަމަށާއި އެގޮތުން އޭޕްރަންއަށް މުޅީންއަލަށް ބައިތަކެއް އިތުރުކޮށް ބޭނުންކުރަން ފެށުމުގެ އިތުރުން ކުރިން ބޭނުންކުރަމުން އައި އޭޕްރަން އަޕްގްރޭޑް ކުރެވި ބޭނުންކުރަން ފަށާނެކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.