މައިގަނޑު މަގުސަދަކީ ޖަލަށް ގެނެވޭ މީހުން ހެޔޮ ގޮތުގައި އަނބުރާ މުޖުތަމައަށް ނެރުން ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް މިފަދައިން ވިދާޅުވެފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ޤައިދީންނަށް އަމާޒުކޮށްގެން ހިންގާ ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ޕްރޮގްރާމްތައް ފުރިހަމަކުރި ގައިދީންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ރިހެބިލިޓޭޝަން ފްރޭމްވަރކްގެ މަގްސަދަކީ ގައިދީން އިސްލާހުކޮށް، އެމީހުންނަށް ތައުލީމާއި ހުނަރު އުނގަންނައިދީ، މުޖްތަމައުއަށް ނުކުންނައިރު އެމީހުންނަކީ މުޖްތަމައު ބަލައިގަންނަ ފަދަ ހިދުމަތްތެރި، މަސައްކަތްތެރި މީހުންނަށް ހެދުމެވެ. ޖުމްލަ 44 ޤައިދީން އެކި ކޯސްތަށް ފުރިހަމަކޮށްފައިވާ ވާއިރު، މި ރަސްމިއްޔާތުގައި ސެޓްފިކެޓް ހަވާލުކުރެވިފައިވަނީ މި ވަގުތު ޖަލުގައި ތިބި 24 ޤައިދީންނަށެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ، ޖަލު ހިންގުމުގެ އެންމެ މައިގަނޑު މަގްޞަދަކީ ޖަލަށް ގެނެވޭ މީހުން ހެޔޮ ގޮތުގައި އަނބުރާ މުޖްތަމަޢުއަށް ނެރުންކަމަށެވެ. އެކަމަށް ކުރެވޭ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ޖަލުގައި ހިންގާ އެކި ތަފާތު ތަމްރީން ޕްރޮގްރާމްތައް ފުރިހަމަކޮށް، އޭގެ ހެޔޮގޮތުގައި ބޭނުންހިފައި، ޢަމަލީ މައިދާނުގައި އެ ޢިލްމުގެ ބޭނުންހިފާތަން ފެނުންކަމަށް ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ ޖަލުގެ އާބާދީ ކުޑަކުރުމަށް ކޮމިއުނިޓީ ސަރވިސްފަދަ ކަންތައްތައް ކުރުމާއި ޖަލުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް މިހާރަށްވުރެ ރަނގަޅުކޮށް ފުޅާކުރުމަށް މަސައްކަތްކުރައްވާކަމަށެވެ.
ކޯވިޑް-19 އާ ގުޅިގެން ރޭވިފައިވާ ކަންތައްތައް އެ ތަރުތީބުން ކުރިއަށް ނުގެންދެވުނު ނަމަވެސް، މާފުށީ ޖަލުގައިއާއި އައްސޭރި ޖަލުގައި އިމާރާތްކުރާ ރިހެބިލިޓޭޝަން ސެންޓަރު ނިމުމުން، މިހާރު ޖަލުގައި ތިބި އާބާދީގެ ނިސްބަތުން 50 އިން ސައްތައަށް ވުރެ ގިނަ ޤައިދީންނަށް އެކި ޕްރޮގްރާމްތަކުގައި ޝާމިލްކުރެވޭނެ ޕިޒިކަލް އިންފްރާސްޓަރަކްޗަރ ޖަލުގައި ޤާއިމުކުރެވިގެންދާނެކަމަށާއި އޭގެ ސަބަބުން ވޮކޭޝަނަލް ތަމްރީންތައް ފުޅާކުރެވި، ތަމްރީންތަކުގައި ހިމެނޭ ފަރާތްތައް އިތުރުވެގެންދާނެކަމަށް ވިދާޅުވިއެވެ.