Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

އެއް ދުވަހެއްގައި އެންމެގިނަ ފަތުރުވެރިން އައި ދުވަހަކަށް ޑިސެމްބަރު 5

ބޯޑަރު ހުޅުވި ދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް: ފޮޓޯ / ވީއައިއޭ

އެއްދުވަހެއްގައި ރާއްޖެއަށް އެންމެގިނަ ފަތުރުވެރިން އައި ދުވަހަކަށް ޑިސެމްބަރު 5 ވަނަ ދުވަސް ވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ، ޑިސެމްބަރު 5 ވަނަ ދުވަހު ރާއްޖެއަށް ރެކޯޑް އަދަދަކަށް ފަތުރުވެރިން ޒިޔާރާތްކޮށްފައިވާކަމަށެވެ. އެގޮތުން އެދުވަހު ރާއްޖެއަށް 6،269 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ.

އަދި މިއީ 2020 ވަނަ އަހަރުގެ ޖުލައި މަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލިފަހުން އެއް ދުވަހެއްގައި އެންމެގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތް ކުރި ދުވަސްކަމަށްވެސް ބުނެފައިވެއެވެ.

މިއަހަރު މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ހުސްވި ނޮވެމްބަރު މަހުއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްގޮތުން ނިމުނު ނޮމެމްބަރު މަހު ރާއްޖެއަށް ވަނީ 144،725 ފަތުރުވެރިން ޒިޔާރާތް ކޮށްފައެވެ. ދެވަނަ އަހަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތް ކޮށްފައިވާ އޮގަސްޓްމަހު 143،599 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބު ދައްކާގޮތުން ޑިސެމްބަރު އެއް ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1،162،425 ފަތުރުވެރިން ޒިޔާރާތްކޮށްފައެވެ.

މީގެތެރެއިން އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ އިންޑިއާއިންނެވެ. އެގައުމުން ރާއްޖެއަށް 261،164 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ރަޝިޔާއިން 205،246 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.