ށ. ނޫމަރާ ފަރަށް 2019 ވަނަ އަހަރު އެރި ބާޖުގެ ވެރިފަރާތް 61.6 މިލިއަން ރުފިޔާއިން ޖުރިމަނާކޮށްފިއެވެ.
އެންވާރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނެފައިވަނީ 26 އޮކްޓޫބަރު 2019 ގައި ށ. ނޫމަރާގެ ފަރަށް "މެރިން ޕަވަރ 2317" ނަމަކަށް ކިޔާ ބާޖު އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް، 61,681,316.00 ރުފިޔާއިން އެ ބާޖުގެ ވެރިފަރާތް ޖުރިމަނާ ކޮށްފައިވާކަމަށެވެ.
އަދި، 30 ދުވަހުގެ ތެރޭގައި މި ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެ ބާޖުގެ ދިވެހިރާއްޖޭގެ އެޖެންޓު، ރޮހޮފް ޕްރައިވެޓް ލިމިޓެޑަށް 07 ޑިސެމްބަރު 2021 ގައި އަންގާފައިވާކަމަށްވެސް އީޕީއޭއިން ބުނެފައިވެއެވެ.
އެ ބާޖު ފުންކޮށް، އެ ސަރަޙައްދަށް ފެތިފައި އޮތް އެ ބާޖުގެ ބައިތައް އެ ސަރަޙައްދުން ނަގައި ނިމުމުން އެ ސަރަޙައްދުގެ ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބެލުމަށް އެ ސަރަޙައްދު ބަލައި ސަރވޭކުރެވިފައިވާކަމަށް އީޕީއޭއިން ބުނެފައިވެއެވެ. އަދި، 1632 އަކަމީޓަރުގެ ސަރަޙައްދަކީ ސީދާ ގޮތެއްގައި ބާޖު ފަރަށް އެރުމުގެ ސަބަބުން ލިބިފައިވާ ގެއްލުމެއްގެ ގޮތުގައި ކަނޑައެޅިފައިވާ ކަމަށްވެސް އީޕީއޭއިން ބުނެފައިވެއެވެ.